"ހަލޯ" އެކޮޅުން އިވުނީ ޝިހާމްގެ އަޑެއް ނޫނެވެ. އެގޭ ސާދުނާގެ އަޑެވެ. ސުހާއަށް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ. އެހެންވެ ސުހާ ވަރަށް ލަދުގަތެވެ. " ކޮބާ ޝިހާމްބެ؟ ލަދުންހުރެ ނަމަވެސް ޝިހާމް ގުޅީ ކީއްކުރަންތޯ ބަލަން ސުހާ ބޭނުންވިއެވެ. " މިހާރު ގެއަކު ނެތް، ފޯނު އޮތީ ޗާޖަށް ޖަހާފައި، ތީ ސުހާ ދޯ؟" ސާދުނާއަށް ސުހާގެ އަޑު އިވުމާއެކު އެނގިއްޖެއެވެ. " އަހަރެން ކޮޓަރީގައި ހުއްޓާ ފޯނު އަންނަން ފެށީ، ބަލާލިއިރު ސްވީޓްހާޓް ޖަހާފައި އިން ނަންބަރަކުން ގުޅާތީ ހިތަށްއެރި މިފަހަރު ކާކުތޯ ބަލަން ވެސް ނަގާނަމޭ، އިއްޔެވެސް އަހަންނާ ސޯބިރައްތަގެ ސާދިމާއާ ދެމީހުން ޝިހާމްބެގެ ފޯނު ބަލަނިކޮށް ސްވީޓްހާޓް ޖަހާފައި ހުރި ނަންބަރަކުން މެސެޖުކޮށްފައި ހުރީމަ އެއީ ކާކުހޭ އަހާއަހާ ވެސް ނުބުނި، ފާޑަކަށް ހޭން ފަށަނީ، ސާދިޔާ ޝިހާމްބެއާ ވަރަށް ދިމާކުރި، މިއީތާ އެސްވީޓްހާޓަކީ، މިއޮތީ ފަޅާއަރާފައި" ސާދުނާ ހިނިގަނޑެއް ޖަހާލިއެވެ. ސުހާއަށް ލަދުން ހުރެވުނުތަންވެސް ނޭންގުނެވެ. ދެން ބާއްވަނީ ކަމުގައި ބުނެ އަވަހަށް ފޯނު ކަނޑާލައިފިއެވެ.
****************************
ބޮޑުމަސް ކުޅޭތަން ބަލަން ދާން އުޅެފަވެސް ސުހާ އެތަނަށް އެހާ ދާހިތެއް ނުވިއެވެ. އެހެންވެ ވާހަކަފޮތެއް ހިފައިގެން ސުހާ ކޮތަރީގައި ޖައްސާލިއެވެ. ވާހަކައަށް ގެއްލިފައި އޮއްވާ ފޯނު ތިންގުވާން ފެށުމުން ސިއްސައިގެން ގޮސް ތެދުވެ ފޯނު ބަލާލިއެވެ. " ހަލޯ" ސުހާ ފޯނު ނެގިއެވެ. " މިހާރު ނިދަނީ ދޯ؟ ނިކުމެބަލަ ބޭރަށް" ޝިހާމް ފޯނު ކަނޑާލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލުމުން އަވަސް އަވަހަށް ބުރުގާ ރަނގަޅުކޮށްލާ ސުހާ ހަމަޖެހިލިއެވެ. ބޭރަށް ނިކުތްއިރު ޝިހާމް އާއި ނަސްމާއްތަ އުނދޯލީގައި ތިއްބެވެ. " މިރޭ ބޮޑުމަސް ކުޅޭތަން ބަލަން ނުދަންތަ؟ ސުހާ އައިސް އުނދޯލީގެ މެދުގައި އިށީނެވެ. "އާން.. ނުކެރޭ އޭނައަށް ދާކަށް، ހުސް ފޮނި ކަނޑާނީ، މާލި ލާނަމޭ ކިޔާފަ މާލިލާކަށްވެސް ނުކެރުނު" ނަސްމާއްތަ ޝިހާމްއާ ދިމާކޯށްލިއެވެ.
"އެހެން ކުދިންނަށް ފުރުސަތު ދޭންވާނުން" ޝިހާމް ހިނިގަނޑެއް ޖަހާލިއެވެ. އޭރު ޝިހާމްގެ އެކުވެރި ޒަލީފް އެމަގުން އަންނާތީ ފެނެއެވެ. ޝިހާމް އިންކަން އެނގުމުން ޒަލީފް ސުހާގޭގެ ފާރު ކައިރިއަށް ޖެހިލިއެވެ. " ތީދޯ ބޮޑުމަސް ކުޅެން ނުދެވޭނެއޭ ކިޔާފައި ދިޔަމީހާ.. ތިދޯ ތި ކުރާކަމަކީ" ޒަލީފު ވަށްބަހުން ޖަހާލަމުން މަގުހުރިގޮތަށް ދިޔައެވެ. ޝިހާމް ހިނިތުންވެލަމުން އިސް ޖަހާލިއެވެ. އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ޝިހާމް ގެނައި ދެފޮތް ސުހާއަތަށް ދިނެވެ. އަދި ގެއަށް ދާން ހިނގައިގަތެވެ.
ޝިހާމް ދިން ދެފޮތް ހިފައިގެން ސުހާ ކޮތަރިއަށްވަދެ ފޮތްތައް ބެހެއްޓުމަށްފަހު ނިދަން ތައްޔާރުވިއެވެ. އަދި އެތަނުން ފޮތެއް ހިފައިގެން ސުހާ އޮށޯވެ ހަމަޖެހިލިއެވެ. ފުރަތަމަ ސޮފުހާގެ މެދާ ހިސާބަށް ކިއުނުތަނާހެން ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޝިހާމްއެވެ. އެހާ އަވަހަށް ގުޅުމުން ކިހިނެތް ވީހޭ ސުހާ އަހާލެވުނީ ކަމެއްވީ ކަމަށް ހީކޮށެވެ. " ކަމެއް ނުވޭ، ދެން ހަމަ ގުޅާލީ، ގުޅައިގެންނުވޭތަ؟" ޝިހާމް ޖަވާބު ދިނެވެ. " ނޫން ދެން އެހެނެއް ނުބުނަމެންނު" ފޮތް ލައްޕާލުމަށްފަހު ސުހާ ހަމަޖެހިލިއެވެ. " މިހާރު ނިދަނީދޯ" ޝިހާމް ސަމާސާކޮށްލިއެވެ. ސުހާ ހިނިތުންވެލިއެވެ. އަދި މިރޭ އެއްވެސް ތާކަށް ނުދަނީތޯ ސުވާލުކުރިއެވެ. މިރޭ އެއްވެސް ތާކަށް ދާހިތް ނުވާ ކަމަށާއި ކޮޓަރީގައި އޮތީ ކަމުގައި ޝިހާމް ބުންޏެވެ.
"ނަންނަ ގުޅާތަ؟" ޝިހާމުގެ ސުވާލުން ސުހާ ކުޑަކޮށް ހައިރާންވިއެވެ. މުޅިން ތަފާތު ސުވާލަކަށް ވީމައެވެ. "މަނަދޫތަ؟" ޔަގީންކުރަން ސުހާ ބޭނުންވިއެވެ. " ހޫމް... ގުޅާދޯ ސުހާއަށް؟ ޝިހާމް ސުވާލުކުރިއެވެ. " އާން.. ދޭތެރެއަކުން ގުޅާލާނެ، ކިހިނެތްވި؟ ސުހާގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. "ކިހިނެތް އޭނާއާ ދިމާވީ؟" އަނެއްކާވެސް ޝިހާމް ސުވާލުކުރިއެވެ. " ހޮޅުދޫގައި އޮތް ކޯހަކަށް ދިޔައިން، އެކޯހުގައި އޭނާ ވެސް ބައިވެރިވި، އެއަށްފަހު ވަރަށް ރައްޓެހި" ސުހާ ތަފްސީލު ކޮށްދިނުމުން ނަންނައާ ވާހަކަ ދެއްކުމަކީ އޭނާ ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމުގައި ޝިހާމް ބުންޏެވެ. ސުހާ އެކަމަސް އެއްބަސްވިއެވެ.
****************************
ކޮންމެ ރެއަކުވެސް ޝިހާމް ގުޅާނެއެވެ. ބައެއް ރޭރޭގައި މަޖާވެފައި ވާހަކަ ދައްކާނެއެވެ. ބައެއް ރޭރޭ ބަހެއް ނުބުނެ މިނެޓެއްހާއިރުވެސް ހިނގައިދާނެއެވެ. މިގޮތުގައި ދުވަސް ވޭތުވަމުންދިޔައެވެ. އެއްރެއަކު ގުޅާފައި ކުލަބުގެ ކޮމިޓީއަށް ކުރިމަތިލާންވީނޫންހޭ ޝިހާމް ބުންޏެވެ. ސެކެޓެރީއަކަށް ވެދިނުމަށް ސުހާ ގާތުގައި އެދުނެވެ. އަދި އެކަމުގައި ޝިހާމް އެހިވެދޭނެ ކަމުގައި ވެސް ބުންޏެވެ. ޝިހާމް ކިޔަން ފެށުމުން އެކަމަށް ވެސް ސުހާ އެއްވަސްވިއެވެ. އަދި ޝިހާމް ބުނިގޮތަށް އެޒިންމާ ސުހާ ނެގިއެވެ. އަދި އިފްތިތާހީ ޖަލްސާއަށް ތައްޔާރުވުމަށް ބޭއްވި ކުލަބުގެ ބައްދަލުވުމުގައި ޖަލްސާ ހުށަހަޅަން ސުހާއަށް ޝިހާމް ހަވާލުކުރުމުން އެކަންވެސް އުފަލުން ބަލައިގަތެވެ. ގިނަ ފިރިހެނުން ކުލަބުގެ ހިންގާ ކޮމިޓީގައި ތިބިއިރު ސުހާއަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް ސުހާ ފަހަތަކަށް ނާޅާއެވެ.
******************************
ސްކޫލުތައް ހުޅުވުމާއެކު ޝިހާމްވެސް ސްކޫލުގެ އާމުދައްރިސެއްގެ ގޮތުގައި ސްކޫލަށް ނިކުންނަން ފެށިއެވެ. ސްކޫލުގައި ގިނަވަގުތު ހޭދަކުރަން ފެށިއެވެ. ދެތިން ހަފްތާވެގެން ދިޔައިރުވެސް ޝިހާމްގެ ކޯލެއްގެ އިންތިޒާރުގައި ނޫނީ މެސެޖެއްގެ އިންތިޒާރުގައި ސުހާއަށް ހުންނަން ޖެހިއްޖެއެވެ. ބައެއް ހަފްތާތަކުގައި ގުޅާނުލެވޭ ތާނގައި މެސެޖެއް ނުކުރެވެނީ ހާނދާން ނުވާތީ ނޫންކަމުގައި ވެސް ބުނާނެއެވެ. އެކޮންމެ މެސެޖަކުންވެސް ސުހާ ހިތްހަމަޖައްސާލަނީ ޝިހާމް މާ ބިޒީވީމައި ވާގޮތެއް ކަމުގައި ހީކުރަމުންނެވެ.
******************************
ހަވީރުގެ ހިތްގައިމު ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް ސުހާ ބޭރަށްދާ ހިޔާލެއް ނުކުރިއެވެ. ރީތި ވެލައިގެން ސިޓިން ރޫމުގައި އިނީއެވެ. ޓީވީއަށް ގެއްލިފައި އިން ސުހާ ސިހުނީ ފޯނަށް ޝިހާމް ގުޅަން ފެށުމުންނެވެ. އިނިތުންވެ އިނދެ ސުހާ ފޯނަށް ޖަވާބުދިނެވެ. ކްލަބުގެ މީޑިންއެއް އޮތް ވާހަކައާއި އެމީޓިންނަށް މެންބަރުންނަށް ކިއުމަށް ލިޔުން ތައްޔާރުކުރުމަށް ޝިހާމް ބުންޏެވެ. އަދި އިރުކޮޅަކުން ލްޕްޓޮޕް ހިފައިގެން ދާ ވާހަކަވެސް ބުންޏެވެ. ސުހާ އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. އަދި ފޯނު ބޭއްވުމަށްފަހު ހަމަޖެހިލިއެވެ. އިރުކޮޅަކުން ލެޕްޓޮޕް ހިފައިގެން ޝިހާމް އަތުވެއްޖެއެވެ. އަދި ލިޔަންވީ ގޮތް ބުނެދިނުމަށްފަހު ޝިހާމް ނިކުމެގެން ހިނގައްޖެއެވެ. ސުހާއަކީ ލެޕްޓޮޕާ އަދި އެހާ ރައްޓެހި މީހަކަށް ނުވުމުން ބީރެއްޓެހި ގޮތެއް ހުއްޓެވެ. ނަމަވެސް ލެޕްޓޮޕް ހުޅުވާލުމުން ކޯޑު ޖަހަން ޖެހުމުން ސުހާ ޝިހާމަށް ގުޅިއެވެ. ކޯޑު ނުބުނެ ދިއުމުން ސުހާގެ ހިތުގައި ސުވާލު އުފެދުނެވެ.
ޝިހާމް މެސެޖު ކުރުމުން ސުހާ ގާތަށް ހިނިއައެވެ. އަދި އޭނާއަށްތަކައި ޝިހާމްގެ ހިތުގައި ހާއްސަ މަގާމެއް ވަނިއްޔޭ ހިތަށް އެރިއެވެ. "ސުހާ ޝިހާމް" އަދިވެސް އެއްފަހަރު ސުހާ އެ މެސެޖު ކިޔާލިއެވެ. ކޯޑު ޖަހާލުމަށްފަހު ސުހާ އެމަސައްކަތް ކުރެވޭތޯ ބެލިއެވެ.
(ނުނިމޭ)