ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައި ވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 52.6 މިލިއަން ރުފިޔާ، ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ފެށުމަށް ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އާދަމް ޝަމީމް ވިދާޅުވީ މާދަމާ ހައިކޯޓުގައި އޮންނަ އަޑުއެހުމަކީ އޮންލައިންކޮށް ބާއްވާ އަޑުއެހުމެއް ނޫން ކަމަށާއި އެއީ ހައިކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދާ އަޑުއެހުމެއް ކަމަށެވެ. އަދި މާދަމާ ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބާއްވާ އަޑުއެހުން ހައިކޯޓުގައި ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 ގައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގައި ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ރައީސް ޔާމީނުގެ މައްޗަށް އަމުރު ކޮށްފައެވެ.
ދައުލަތުން ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާ އާ އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ދައުލަތުން ވަނީ އެ ފައިސާ އިންވެސްޓް ކޮށްގެން ހޯދި ފައިސާ ވެސް ހޯދުމަށް އެދިފައެވެ.
ޔާމީންގެ ވަކީލުން ވަނީ، ޔާމީން ޖަލަށް ލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.