އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމުން ސްކޫލުވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޗުއްޓީ ނިމެންވެސް ދެން މާގިނަ ދުވަހެއް ދެން ނެތެވެ. ޝިހާމް އަކީ މިއަހަރު ސްކޫލާ ގުޅުނު މުދައްރިސެކެވެ. ސެކަންޑްރީ ކްލާސްތަކަށް ކިޔަވައިދޭ އިސްލާމް ޓީޗަރެކެވެ.
*********************
އެދުވަހުގެ އިރުއޮއްސިއްޖެއެވެ. އެއާއެކު އަރައިގެން އައި ސާދަ ވިލޭރޭގެ ހަނދުގެ އަލިން މުޅި ދުނިޔެ ދިއްލާލާފިއެވެ. ތަރިތައް އުޑުގައި ފިޔަޖަހަމުން ދިޔައިރު ހީވަނީ ޖައްވަށް އިތުރު ފުރިހަމަކަމެއް އުޅޭ ހެންނެވެ. ޖެހޭ މަޑުމަޑު ވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ގަސްތައް ވެސް ހިތްގައި ރޯޅިތަކާއެކު ޖާދޫގައި ޖެހި މަޑުމަޑުން ނަށަމުން ދިޔައެވެ.
ރޭގަނޑު ކެއުމަށްފަހު ސުހާ ނިކުތީ ބޭރު އުނދޯއްޔަށެވެ. ހަނދުގެ ރިހިއަލިން މަގުމަތި އަލވެފައި އޮތްއިރު ގެ މައްޗަށް އޮތް ބޮޑު ގަނބުރޯލުގަހުގައި ފޮޅިފައިހުރި މަލުގެ ވަސް މުޅި ހިސާބަށް ފެތުރިފައި ހުއްޓެވެ. ތިން ފޫޓުގެ ވަށާފާރުގެ އެތރޭގައި ހުރި ރުއްތަކުގެ ފަންތަކުގެ ތެރެއިން ފުރޭނިގެން އަލިވެފައި ހުރި ކޮކާ ހަނދުވަރުގެ ފުރިހަމަކަމުން އެދިމާއަށް ބަލަން އިރުކޮޅަކު ސުހާއަށް އިނދެވުނެވެ. ފޯނަށް ބަލާލުމަށްފަހު ސުހާ ފުރަތަމަ ވެސް ބޭނުންވީ ފޯނުގެ ރިންގްޓޯނު ބަދަލުކުރާށެވެ. ޝިހާމް ގުޅާއިރު ވަކިން އެނގޭނެ ގޮތެއް ހެދުމަށެވެ. މިހާރު ޝިހާމް ގުޅާއިރު އިވޭނީ ޓައިޓޭނިކް ލަވައިގެ ހިތްގައިމު ރާގެވެ.
ފޯނަށް ބަލަން އޮއްވާ ކުއްލިއަކަށް ޝިހާމް ގުޅަން ފެށިއެވެ. ހިނިތުންވެލަމުން ސުހާ ހަމަޖެހިލިއެވެ. އަދި ވަށައިގެން ހޯދާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. ސުހާ ހީކުރީ އޮނދޯލީގައި އޮތްތަން ފެނިގެން ގުޅަނީ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. " ހަލޯ.. ކިއްކުރަނީ؟ ޝިހާމްގެ އަޑުޖެހުމާއެކު ސުހާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ހީވީ ދުލުގައި ތަޅެއް އެޅުނުހެންނެވެ. "ކަމެއް ނުކުރަން، އުނދޯލީގައި ހަމައޮތީ" ސުހާ ބުންޏެވެ. " އެކަނިތަ؟ ބިރެއް ނުގަނޭތަ؟" ހިނިތުންވަމުން ޝިހާމް ސުވާލުކުރިއެވެ. "ހޫމް... ބިރެއް ނުގަނޭ... ޝިހާމް ކީއްކުރަނީ..؟ ސުހާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. "ވާހަކަދައްކަނީނު" ސަމާސާ ރާގެއްގައި ޝިހާމް ޖަވާބު ދިނުމުން ސުހާއަށް ހިނިތުންވެލިއެވެ. އަދި ދެވަނަ ފަހަރަށް ވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. " މިއޮތީ ނެޓުގަ" ޝިހާމްގެ ޖަވާބު ވަރަށް ވެސް ކުރެވެ. ނަމަވެސް ސުހާއަށް އެތަނަކީ ކޮންތަނެއްގައި ކަން އެނގިއްޖެއެވެ. ރަށުގެ ގިނަ މީހުން އެއްވާ އެތަނަކީ އުތުރުކޮޅު އަތިރިމަތީގައި އޮންނަ ގިނަހިރަނދުގަހުން މަތިބެދި ހިޔާވެފައި އޮންނަ ހިތަފްސޭހަ ތަނެކެވެ. ހެއްލާ ޖޯލިތަކުގައި މަޑުކޮށްލައިގެން ތިބެން އަރާމުތަނެކެވެ.
އެހެން ދުވަސް ދުވަހާ ހިލާފަށް ޝިޔާމް މިރޭ ވާހަކަދެއްކީ ވަރަށް މަޖާކޮށެވެ. ނަމަވެސް އިރުކޮޅަކުން ފޯނު ކެނޑިއްޖެއެވެ. ބެލެންސް ހުސްވެގެން ކެނޑުނީ ކަމުގައި ފަހުން މެސެޖުކޮށްފައި އޮތެވެ. މިގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔައެވެ. ތަފާތު މެސެޖުތަކާއި ފޯނު ކޯލުތަކުން އެދެމެދުގެ ގުޅުން ބަދަހިވަމުންދިޔައެވެ. ކުރިން ސުހާގެ ހިތުގައި އޮތް ނަފުރަތުގެ ހުޅުކޮޅު މަޑުމަޑުން ނިވެމުންދިޔައެވެ. އޭނާގެ ހިތުގައިވެސް މުޅިން އާ ވިންދެން ޖަހަން ފެށިއެވެ.
**********************
މުޅިން އާދުވަހަކށް އިރު ފެނުން އޮޅެލިއެވެ. ތަފާތު ވީރު ވަސްތަކުން މުޅި ޖައްވު ވަނީ ހުވަނދުލެވިފައެވެ. ސަލަވާންތަ ދުންދަނޑީގެ ވަހާއި މީރު ކާއެއްޗެހީގެ ވަހުންނެވެ. މީރު އަތަރާއި ސެންޓުގެ ވަހުންނެވެ. އީދު ނަމާދަށް ދިއުމަށްތަކައި މަގުތަކުގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ސުހާ އީދު ނަމާދަށް ދިއުމަށް ފަޒޫއާއެކު ގެއިން ނިކުތެވެ. ބޮޑު އީދު ޗުއްޓީއަށް ފަޒޫވެސް ހުރީ ރަށަށް އައިހެވެ. މިސްކިޔާ ހިސާބަށް ދެވުނުއިރު ޝިހާމްމެންގެ ގުރޫޕު ގަނޑު ހުދު ގަމީހާއި ފޭލި ލައިގެން އީދު ނަމާދަށް ދާތަން ފެނުމުން ސުހާއަށް ހިނިއާދެވުނެވެ. ނަމަވެސް ޝިހާމްއަށް ފެނުނު ހެނެއް ހިއެއް ނުވެއެވެ.
އެދުވަހުގެ އިރުއޮއްސިގެން ދިޔައީ މީރު ކުކުޅު ރިހައިގެ ވަހުން މުޅި ރަށް އެއްވަސް ވެފައި އޮއްވައެވެ. އީދު ކުޅިވަރުތަކާއި އީދުގެ ފޯރިނެގުންތަކުން ރަށުތެރެ ހަލަބޮލިވެފައި އޮއްވައެވެ. ފޮތް ކަބަޑު ކައިރީގައި ސުހާ އިނީ ސްކޫލު ދައުރުގެ ބައެއް ފޮތްތައް ނަގައިގެން ބަލާލާށެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި އިން ސިހާ އިރުކޮޅަކުން ސިއްސައިގެން ދިޔައީ ކަބަޑުގެ މަތީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ.
އަވަސް އަވަހަށް ތެދުވެ ސުހާ ފޯނު ބަލާލިއިރު ގުޅަނީ ޝިހާމްއެވެ. ސުހާ ފޯނު ނެގުމުން މިއިނީ ސުހާގެ ގޭގެ އޮނދޯލީގައި ކަމުގައި ބުންޏެވެ. އަދި ސުހާއަށް އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އަވަސް އަވަހަށް ގެންގުޅުނު ފޮތްތައް ކަބަޑަށް ލުމަށްފަހު ސުހާ ތެދުވެ ހަމަޖެހިލިއެވެ. އަދި މޫނުގައި ފުއްރުމާ ކާތާލާ، ބުރުގާ ރަނގަޅު ކޮށްލިއެވެ. އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރިން ނިކުމެ ބޭރު ދޮރާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރރު ސިޓިންރޫމުގައި ހުރި ޓީވީއިން އަށެއްގެ ހަބަރު ކިޔަމުން ދެއެވެ.
ޖެހިލުންވެ ހިތް އަވަސްވެފައި ހުރި ނަމަވެސް ހިތްވަރުކޮށްފައި ސުހާ ގެއިން ބޭރަށް ނިކުތެވެ. އޭރު އުނދޯލީގައި ޝިހާމް އާއި ނަސްމާއްތަ ތިއްބެވެ. ނަސްމާއްތަ ފެނުމުން ސުހާއަށް ލިބިފައިވާ ހާސްކަން ކޮންމެސް ވަރަކަށް ކުޑަވެގެން ދިޔައެވެ. ނަމަވެސް މުޅިން ހަމައަކަށް ނޭޅެއެވެ. ލަސް ހިނގުމެއްގައި ސުހާ އުނދޯލި ގޭތރެއަށް ވެނެވެ. އުނދޯލިގޭގެ މުޑިއެއްގައި ލެނގިލައިގެން ފޯނުގެ ފިއްތަކަށް އޮބަމުން ދިޔައެވެ. " ޕޮލިހަށް ވަންނަންތަ ތިއުޅެނީ..؟" ޝިހާމް މިހެން ބުނުމުން ސުހާ ހިނިތުންވެލިއެވެ. "ނުވެސް އިންނާނަންތަ؟" ޝިހާމް މާނަފުން ބެލުމަކުން ސުހާގެ މޫނަށް ބަލާލިއެވެ. ސުހާއަށް އެކަން އިހުސާސް ވީކަހަލައެވެ. އުފަލުން ސުހާގެ ހިތް ފުރުނު ނަމަވެސް ލަދުން އެރީތި ދޮންމޫނު ރަތްވެގެން ދިޔައެވެ. " ވަރަށް ބަރުވާނެ އިނގޭ.. އުނދޯލި ކަނޑައިގެން ވެއްޠިދާނެތީ ބިރުން" ސުހާ ހިނިގަނޑު ޖަހާލަމުން އެދެމީހުންގެ މެދުގައި އިން ހުންތަނުގައި އިށީނެވެ. ނަސްމާއްތަ ވެސް ހިނިގަނޑު ޖަހާލިއެވެ. "ކޮބާ.. އުނދޯލި ކަނޑައިގެން ވެއްޓިއްޖެދޯ" ޝިހާމް ދިމާކޮށްލިގޮތުން ނަސްމާއްތަ އަނެއްކާވެސް ހިނގިގަނޑު ޖަހާލިއެވެ. ސުހާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.
"ކީއްވެތަ ކާންނައީ" ވަރަށް މަޑުމަޑުން ސުހާ ޝިހާމްއާ ދިމާއަށް ބަލާލަމުން ބުންޏެވެ. ލަދުން ވިރިވިރި އިނދެއެވެ. މެންދުރު ކާގަނޑީގައި ސުހާ ޝިހާމްއަށް ކެއުމަކުން ދައުވަތު ދިނެވެ. " އެގަޑީގައި ކުޑަކަމެއްގައި އުޅުނީމައި ނާދެވުނީ" ޝިހާމް ހިނިތުންވެލިއެވެ.
(ނުނިމޭ)
މިވާހަކަ ވަރަށް ރީތި. ވަރަށް ޝައުގުވެރި ވެއްޖެ. އެކަމަކު މިވާހަކައިގެ އެޕިސޯޑް ހަތަރެއްކޮބާ.