ރޯދަ މަހުގެ އިނާޔަތް ނުލިބޭ ނަމަ ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ޝަކުވާ ހުށަހަޅަން އަންގައިފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ، ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ލިބިފައި ނުވާ ނަމަ ޝަކުވާ ހުށަހަޅާނީ އެ އިދާރާގެ ވެބްސައިޓްގައި ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ލިންކުން ނުވަތަ އެ އޮތޯރިޓީ އަށް ގޮސް ކަމަށެވެ.

ރޯދަ އިނާޔަތަކީ ކޮންމެ ރޯދަ އަކާ ދިމާކޮށް މުސްލިމު މުވައްޒަފުންނަށް ދޭ އިނާޔަތެކެވެ. ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާއެވެ.

މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންނެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް ސްކޮލަޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެވެ.

އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އޮފީހަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ޖެހޭނެއެވެ.

ރޯދަމަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ކެނޑޭ މުވައްޒަފުން ވަޒީފާ އަދާ ކުރި ދުވަހަށް ޖެހޭ ފައިސާ ކަނޑާފައި ބާކީ އެ މުވައްޒަފެއްގެ އަތުން ހޯދަން ޖެހެއެވެ.