އާންމުކޮށް ކޮންމެ ރޯދަ މަހެއްގައި ބާޒާރުގައި އެންމެ އަގު އުފުލެމުންދާ އަދި އެންމެ ޑިމާންޑް ބޮޑު އެކައްޗަކީ ލުނބޮއެވެ. މި އަހަރު ރޯދަ މަސް ފެށިގެން އައި އިރު ލުނބޯގެ އަގު ވަނީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދަށް އުފުލިފައެވެ.
ލުނބޯގެ އަގުތައް އުފުލިގެން ދިއުމާ ގުޅިގެން އެ އަގުތައް ތިރިކުރުމައްޓަކައި އެސްޓީއޯއިން ވަނީ 60 ރުފިޔާގެ މަގުން ލުނބޯ ކިލޯ ވިއްކާފައެވެ. ނަމަވެސް އިއްޔެ އާ ހަަމައަށް އައި އިރު ވެސް ލުނބޯގެ އަގު ވަނީ 80 އާ ހަމައިގައި ހިފެހެއްޓިފައެވެ.
މިއަދު ބާޒާރު މަތީ ބައެއް ތަންތަނުގައި އާއި ފިހާރަތަކުގައި ލުނބޯ ވިއްކާ އަގު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ބައެއް ފިހާރަތަކުން ބުނާ ގޮތުގައި ލުނބޯ ކިލޯއެއް މިއަދު ވިއްކާފައި ވަނީ 70 ރުފިޔާއަށެވެ. އަދި މާރުކޭޓުގެ ބައެއް ގޮޅިތަކުން ވެސް ލުނބޯ މިއަދު ވިއްކާފައި ވަނީ 65 ރުފިޔާއަށް ކަމަށް ބުނެއެވެ. މީގެ އިތުރުން ބައެއް ތަންތަނުން 60 ރުފިޔާއަށް ވެސް ލުނބޯ މިއަދު ވިއްކަމުން ދިޔަ ކަން ފާހަގަ ކޮށްލެވެއެވެ.
ބާޒާރުގައި ތޮއްޑޫ ކަރާ ލިބެން ހުރީ ކިލޯއެއް 30 ރުފިޔާގެ މަގުންނެވެ. އަދި ބަރަބޯ ލިބެން ހުރީ ކިލޯއެއް 40 ރުފިޔާގެ މަގުންނެވެ. ކިއުކަމްބާ 60 ރުފިޔާއަށް ކިލޯއެއް ހުރި އިރު، ބަށި ހުރީ 70 ރުފިޔާއަށެވެ. އަދި ޓޮމާޓޯ 50 ރުފިޔާއަށް ކިލޯއެއް ވިއްކާފައި ވާއިރު، މިއަދު ބަޓާނާ ވިއްކާފައި ވަނީ ކިލޯއެއް 40 ރުފިޔާގެ މަގުންނެވެ.
ބާޒާރުގައި ވިއްކަމުންދާ މޭވާތަކަށް ބަލާއިރު، އެންމެ އަގުބޮޑުކޮށް އުޅެނީ، ދޮންކޭލާއި ދޮން އަނބެވެ. ދޮންކެޔޮ ކިލޯއެއް 100 ރުފިޔާއަށް ވިއްކާފައިވާ އިރު، ދޮން އަނބު ކިލޯއެއް އުޅެނީ 110 ރުފިޔާއަށެވެ.