އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން (ޕީސީބީ) އިން މިއަދު ފާސްކޮށް، އެ ކުންފުނި ވަގުތީ ގޮތުން ހިންގުން ވަނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފައެވެ.
މިއަދު ސަރުކާރުން ޕީސީބީ އަށް ފޮނުވާފައި ވަނީ އަމްރު އެސްޓީއޯގައި އަދާކުރައްވަމުން ގެންދަވާ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ބޯޑު ޑިރެކްޓަރު ކަމުންނާއި ސީއީއޯ ކަމުން ވެސް ވަކިކޮށް ދިނުމަށް އެދިއެވެ. އެކަން އެގޮތަށް ނިންމުމަށް ފާސްކޮށްފައިވާއިރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކު އައްޔަންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އަމްރު ވަކިކޮށްފައިވާއިރު ރައީސް އޮފީހުން ބުނެފައިވަނީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަ ކަމަށާއި އެގޮތުގެ މަތިން އަމްރު ވަކި ކުރަން ނިންމީ ކަމަށެވެ.
އަމްރު ވަކި ކުރަން ނިންމި އިރު ރޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިނުމަށް ހަމަޖެހިފައި އޮތް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަމްރުގެ އިންޓަވިއު ނެގި ނަމަވެސް ވަނީ އެ ޕްރޮގްރާމް ރީޝެޑިއުލް ކޮށްފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި އަމްރު ތާއިދު ކުރަށްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މަތީ މަގާމެއްގައި ހުންނަވާ އަމްރު، ރައީސް ނަޝީދު އަށް ތާއީދު ކުރައްވާ އިރު ސަރުކާރާ ދެކޮޅަށް ނިކުތުމުން ރައީސް ސޯލިހުއަށް ތާއީދު ކުރާ ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.
މިއަދު އަމްދު ވަކިކުރަން ޕީސީބީއަށް ފޮނުވި އިރު އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފު ހުންނެވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމުގަވެ.