މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.

އިލްޔާސް ފޯމް ހުށަހަޅުއްވާފައި ވަނީ މިއަދު މެންދުރުފަހު 2:00 ހާއިރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް މިއަދު ކެންޑިޑެސީ ފޯމް ހުށަހެޅުއްވި 3 ވަނަ ކެންޑިޑޭޓެވެ.

އިލްޔާސްގެ ރަނިންމޭޓް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އިލްޔާސްއާއެކު ދަރުބާރު ގެއަށް ވަޑައިގެންފައެވެ. ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ ސިޔާސީ މަސައްކަތުގައި ބައިވެރިވަމުންދާތީ އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާޗް 26 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ބުނެފައިވަނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަމުންދާތީ ކަމަށާއި އެއީ އެގޮތުގެ މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.

މާދަމާ މެންދުރުފަހު 2:00އަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް ވަނީ ފޯމް ހުށަހަޅުއްވާފައެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައިވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫނު އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރާއި ޑރ. މުހައްމަދު މުނައްވަރު ވެސް އަދި ރަނިންމޭޓް އިއުލާނުކުރައްވާފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ ގާސިމް އިބްރާހިމްގެ ރަނިންމޭޓްއަކަށް އަމީން އިބްރާހީމް ވަނީ ހަމަޖައްސާފައެވެ.