ބާޒާރުގައި ޑޮލަރުގެ ތަދަކަން ބޮޑުވެ އަގު އުފުލެނީ ބޭރުގެ ހަނގުރާމައަކާ ހުރެ ނޫން ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތުތައް ރޭވިފައިވާ ގޮތުން ދިމާވެގެން އުޅޭ މާލީ މިސްރާބުގެ މައްސަލައެއް ކަމަށް އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޑޮލަރު ސައްލާ ޕްރޮގްރާމްގައި ވާހަކަދައްކަމުން އަމްރު ވިދާޅުވީ ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތު މިހާ ދަށަށް ގޮސްފައިވަނީ ސަރުކާރުގެ ނުބައި މާލީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގައި އިސްރާފު ބޮޑުވުމާއި، އިގްތިސާދީ ގޮތުން ފައިދާއެއް ނެތް ކަންކަމަށް ބޮޑެތި ހަރަދުތައް ކުރުން އޭނާ ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، ސަރުކާރުން މިލިޓަރީ ޑްރޯން ގަތުމަށް ކުރި ހަރަދަކީ ރާއްޖެއަށް މުޅި މަހަކަށް ބޭނުންވާ ތެޔޮ ގަނެވޭނެހާ ބޮޑު އަދަދެއްގެ ފައިސާ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެއިތުރުން، އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ސަރުކާރުގެ ވަޒީފާތައް ބެހުމުގެ ސަބަބުން، ޕްރައިވެޓް ސެކްޓާއަށް ބިދޭސީން ނަގަން މަޖުބޫރުވެ، ގައުމުން ބޭރަށް ޑޮލަރު ދެމިގެންދާ މިންވަރު އިތުރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރު ޔުކްރޭނު ހަނގުރާމައިގެ ތެރޭގަ އާއި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ވަބާގެ ތެރޭގައިވެސް އެމްޑީޕީގެ ވެރިކަމުގައި ކަންކަން ދުރާލާ ރާވައި މެނޭޖްކުރެވުނު ކަމަށެވެ. ކޮވިޑް ތެރޭގައި ރާއްޖެއަށް އެއްވެސް ވަރަކަށް ފަތުރުވެރިން ނައިސް ދެމަހެއްހާ ދުވަސް ވެގެން ގޮސް ރާއްޖެއަށް އެއްކޮށް ޑޮލަރު ލިބުން ހުއްޓުނުކަން ފާހަގަކޮށް އަމްރު ވިދާޅުވީ އެ ދުވަސްވަރު އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރު ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑް ރާއްޖެއަށް ފެތުރުމުގެ ކުރިން އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ތައްޔާރުވިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލެނީ ބޭރުގެ ހަނގުރާމައަކާ ހުރެ ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.