ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދާދި ފަހުން އުފެއްދެވި ޑިމޮކްރެޓްސްގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވާދަކުރައްވަން ނިންމަވައިފިއެވެ.

އަމްރު މިއަދު ވިދާޅުވީ، އެ ޕާޓީގެ އިންޓަރިމް ކައުންސިލުން މިއަދު ޕާޓީގެ އެތެރޭގެ އިންތިހާބު ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށާއި ‏އިންތިހާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން އޭނާ ނިންމާފައިވާ ކަމަށެވެ. "މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވަން." އަމްރު ވިދާޅުވިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ޑިމޮކްރަޓްސްއިން ވާދަ ކޮށްފައި ވާއިރު އިންތިހާބުގެ ތިންވަނަ 15،839 ވޯޓާއެކު ހޯދާފައި ވަނީ އެ ޕާޓީންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރެއްވި އިރު، ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވީވެސް އަމްރުއެވެ.

ރައްޔިތުން މަޖިލީޙުގެ މައިނޯރިޓީކަންވެސް ކުރަމުންދާ ޑިމޮކްރަޓްސްއިން ވަނީ ދާދި ފަހުން ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުންވެސް އައްޔަން ކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެ ޕާޓީން ނެގި ވޯޓާއެކު ޕީޖީ ލީޑަރުކަމަށް އެމްޕީ އަލީ އާޒިމް އައްޔަން ކޮށްފައިވާއިރު ފީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމަށް އެމްޕީ އަހުމަދު ޒާހިރު އާއި އެމްޕީ އިބްރާހިމް ރަޝީދު އެވެ. އަމީންއާންމަކަށް އެމްޕީ މުހައްމަދު ވަހީދު އައްޔަން ކުރެއްވިއިރު ވިޕަކަށް އައްޔަންކޮށްފައި ވަނީ އެމްޕީ މުހައްމަދު ރަޝީދު އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރާނެ ކަމަށް ޑިމޮކްރަޓުން އިއުލާން ކޮށްފައިވާއިރު އެގޮތަށް އެޕާޓީން ނިންމާފައިވަނީ ޑިމޮކްރަޓުން ޝަރުތު ކުރި ކަންކަމަށް ދެ ޕާޓީން ކުރެ އެއް ޕާޓީއެއްވެސް އާބަސް ބުނެފައި ނުވުމުންނެވެ.