ސިޔާސީ ގޮތުން ކުރިއަށް ދާން އޮތް ދެ މަގުވެސް އަނދިރިވެފައި ނާމާން ކަމަށާއި ނަމަވެސް ހުއްޓި ތިބެވެން ނެތް ކަމަށް އިންތިހާބުގެ ފުރަތަމަ ބުރުގައި 3 ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މި އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ ބުރަވަނީ ޑިމޮކްރެޓްސްގެ ތާއިދު ލިބޭ ކޮޅަކަށް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުނަމުން އަންނައިރު އަމްރު ވިދާޅުވީ ކުރިއަށް ދާން އޮތް ދެ މަގުވެސް އަދިިރިވެފައި ނާމާން ކަމަށެވެ. މިހާރު މަގުގެ ކޮޅާ ހަމައަށް އައިސްފައިވާކަން ފާހަގަ ކުރައްވަމުން އަމްރު ވިދާޅުވީ އެހެން ނަމަވެސް ހުއްޓިި ތިބެވެން ނެތް ކަމަށެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ އިތުރު މަގެއް ކޮށައިގެން ކުރިޔަށް ދިޔުން ނޫން އެހެން ގޮތެއް ނެތެވެ. "އަޅުގަޑުމެން އެދޭ ފުދުންތެރި އަބުރުވެރި ހަޔާތެއް އިރާދަކުރެއްވިއްޔާ ހޯދޭނެ." އަމްރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އާއި ޕީއެންސީ އާ އެކުވެސް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވާއިރު އަދި ޑިމޮކްރެޓްސް އިން ދެވަނަ ބުރުގައި ތާއިދުކުރަން ނިންމާ ޕާޓީއެއް ހާމަކޮށްފައެއް ނުވެއެވެ. މި އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް 15،000 ވޯޓު ލިބިވަޑައިގެންފައި ވާ އިރު، އެންމެ މަތިން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނަށް ޑިމޮކްރެޓްސްގެ ވޯޓު މުހިންމެވެ.

ނަމަވެސް ސިޔާސީ ހިޔާލުތަފާތުވުންތަކާ ހުރެ، ދެ ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަކާއެކުގައި ދާން ޑިމޮކްރެޓުންގެ ހުރިހާ މެންބަރުންގެ ތާއީދެއް ނުލިބެއެވެ. އެހެން ސިޔާސީ ޕާޓީތައް ފަދައިން އެކަމުގައި ޑިމޮކްރެޓްސް ވެސް ވަނީ ދެކަފިވެފައެވެ. އެއްބަޔަކު އެމްޑީޕީ އާއެކު ކުރިއަށް ދާން އެދޭ އިރު އަނެއް ބަޔަކު އެދެނީ ޕީއެންސީގެ ކެންޑިޑޭޓާއެކު ދާށެވެ. އަދި އެ ދެކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ޑިމޮކްރެޓުންވެސް އެބަތިއްބެއެވެ.