ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަމަށް ވިސްނަމުންދާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެކްސްގައި އަމްރު މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ނުކުތުމަށް ވިސްނަމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ޕާޓީއާއެކު މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ.

"ގަލޮޅު އުތުރަކީ ގޭދޮށް ވީމަ އެ ދާއިރާއަށް ނުކުންނަން ޕާޓީ އާއެކު މަޝްވަރާ ކުރަމުންމިދަނީ." މަޖިލީހަށް ނުކުތުމަށް ވިސްނަމުންދަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންނާއެކު ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އަމްރު ވަނީ މީގެ ކުރިން ދަ ޑިމޮކްރެޓްގެ ރައީސް ކަމަށްވެސް ވާދަ ކުރައްވާފައެވެ. ދަ ޑިމޮކްރަޓްސްގެ ރައީސް ކަމަށް އަމްރު ވާދަ ކުރައްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއެކުއެވެ. މިދިޔަ ޑިސެމްބަރު މަހު ބެއްވި އެ އިންތިހާބު ހަސަން ލަތީފް ކާމިޔާބު ކުރެއްވީ 1704 ވޯޓާއެކު އެވެ. އަދި އަމްރު އަށް ލިބިވަޑައިގެންފައި ވަނީ 1300 ވޯޓެވެ.

ދަ ޑިމޮކްރަޓްސްގެ ފަރާތުން ރައްޔިތުން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ޕްރައިމަރީއަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 4:00އާ ހަމައަށެވެ. ދަ ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލާނީ ފެބްރުއަރީ 6 ވާ އަންގާރަ ދުވަހު ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެކަން ދަ ޑިކޮމްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ.