ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައި ވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 53 މިލިއަން ރުފިޔާ، ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަން ހައިކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

އަދި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގައި ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 53 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކެވުމަށް ރައީސް ޔާމީނުގެ މައްޗަށް އަމުރު ކޮށްފައެވެ.

މި ހުކުމަށް ދެ މަސްވީފަހުން ނެރުއްވި އަމުރު ބާތިލުކުރަން ހައިކޯޓަށް ރައީސް ޔާމީނުގެ ވަކީލުން ހުށަހަޅުއްވާފައި ވާ މައްސަލަ އެ ކޯޓަށް ބަލައިގެންފައި ވެއެވެ.

މީގެ އިތުރުން 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އޭރު ހައިކޯޓުން ބުނެފައި ވަނީ އެއް ރިޕޯޓަކުން ނިންމި ދެ ގަޒިއްޔާއެއް ކަމުން އެ ދެ ގަޒިއްޔާގެ އިސްތިއުނާފް ފޯމު ވަކިން ތައްޔާރުކޮށް އިސްލާހު ހުށަހަޅުމަށެވެ.

އެހެންކަމުން ޔާމީންގެ ފަރާތުން ހައިކޯޓުން އެދުނު ގޮތަށް އިސްލާހުތައް ގެނެސް އިސްތިއުނާފް މައްސަލަ ވަނީ މި މަހުގެ 16 ވަނަ ދުވަހު އެ ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އަދި އެ މައްސަލަ ރަޖިސްޓްރީ ކުރުމާ މެދު ކޯޓުން ވަކިި ގޮތެއް ނުނިންމައެވެ.

ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފު ވެގެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.