މި ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަށް އަދި ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
'މާއްދާ 27' ގެ ނަމުގައި ކްލަބް ހައުސްގައި ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ފާރިސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭ ގޮތުން ސަރުކަރުގެ ކޯލިޝަނާ ހަމައަށް ޖަވާބު ހޯދަން ލިޔުން ފޮނުވި ކަމަށެވެ. ނަމަވެސް ގިނަ ކަންކަމުގައި ޖަވާބު ލިބިފައި ނުވާކަމަށް ފާރިސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާތަނަށް އައި އިރު އަދި ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތެއް އައިސްފައި ނުވާކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ އެމްއާރްއެމް އޮތީ ފަސް އަހަރު ދުވަހަށް އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއް ހަދާފައި ކަމަށެވެ.
ސިޔާސީ ނުފޫޒު ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާކަން ފާހަގަ ކުރައްވަމުން ފާރިސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް އެއްވެސް ވަރެއްގެ ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރައްވައި ފާރިސް ވަނީ މިހާރު ކޮރަޕްޝަންގެ ކަންކަން ފުޅާވެފައިވާ މިންވަރާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅުންހުރި މަސައްކަތްތަކެއް އެމްއާރްއެމްއިންވެސް ކުރަމުންދާ ކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ އިންތިހާބުގައި އޭނާ ވާދަ ކުރެއްވުން ބިނާވެގެން ވަނީ ޕާޓީން ނިންމާ ގޮތެއްގެ މައްޗަށް ކަަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފައިވާ ރިޔާސީ އިންތިހާނުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރުއެމް އިން ދަނީ ޖޭޕީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ އިރު، 3000 މެންބަރުން ކިރިޔާ ހަމަވާ އެމްއާރުއެމް ގެ ޑިމާންޑަތައްވެސް ގިނައެވެ. އަދި އެމްއާރުއެމްގެ ބައެއް ސަޕޯޓަރުންނާއި ފާރިސްގެ ބައެއް ސަޕޯޓަރުން ގެންދަނީ ފާރިސް އަކީ ރައީސަކަށް ރަނގަޅު ބޭފުޅެއް [ޕްރެޒިޑެންޝަލް ކެންޑިޑޭޓެއް] ކަމަށް ބުނެ ސޯޝަލްމީޑިއާގައި ޕްރޮމޯޓު ކުރަމުންނެވެ. އަދި ފާރިސް އަމިއްލައަށް ވެސް އެމޭރުމުން ބައެއް ތަންތާނގައި ވާހަކަ ދައްކަވާފައި ވެއެވެ.