މިވަގުތު ދުނިޔޭގައި ހުރި އެންމެ މަޝްހޫރު ލަވަކިޔުންތެރިޔަކީ އަބެލް ތެސްފޭ (ވީކެންޑް) ކަމަށް ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑުން ބުނެފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ވީކެންޑް އަށް މި މަގާމު ލިބުނުއިރު އޭނާގެ ލަވަތަކީ މިހާރު އެންމެ ގިނަ މީހުން އަޑުއަހާ ލަވަތަކެވެ. ދުނިޔޭގެ އެންމެ ބޮޑު މިއުޒިކް ޕްލެޓްފޯމް "ސްޕޮޓިފައި"ގައި ވީކެންޑުގެ ލަވަތައް މަހަކު އެވަރެޖްކޮށް ސްޓްރީމް ކުރާ މީހުންގެ އަދަދަކީ 111.4 މިލިއަނެވެ. އެއާއެކު ވީކެންޑް ވެގެން ގޮސްފައިވަނީ އެންމެ ގިނަ ބަޔަކު ސްޓްރީމްކުރާ އާޓިސްޓަށެވެ. އަދި އެއްމަސްދުވަސްތެރޭ އޭނާގެ ލަވަތައް އަޑުއަހާ މީހުންގެ އަދަދު 100 މިލިއަނުން މައްޗަށް ދިޔަ ފުރަތަމަ އާޓިސްޓުގެ ރެކޯޑު އޮތީ ވެސް ވީކެންޑް އަތުގައެވެ.

ލިސްޓުގެ ދެވަނައިގައި 82.4 މިލިއަން އާއެކު އޮތީ މައިލީ ސައިރަސްއެވެ. އަދި ތިންވަނައިގައި ޝަކީރާ އޮތީ 81.6 މިލިއަން އަޑުއެހުންތެރިންނާއެކުގައެވެ. 80.6 މިލިއަން އަޑުއެހުންތެރިންނާއެކު ލިސްޓުގެ ހަތަރު ވަނައިގައި އަރިއާނާ ގްރާންޑޭ އޮތްއިރު މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ލިބެނޭ ފަސް ވަނަ މަގާމެވެ. އެއީ 80.2 މިލިއަން އަޑުއެހުންތެރިންނާއެކުގައެވެ. ލިސްޓުގެ ހަވަނައިގައި ރިހާނާ އޮތްއިރު ހަތްވަނައިގައި އޮތީ އެޑް ޝީރަންއެވެ.

ލަވަކިޔުންތެރިޔާ ވީކެންޑް ގެ މިއުޒިކީ ކެރިއަރުގައި މިހާތަނަށް ފަސް އަލްބަމު ނެރެފައިވާއިރު އޭނާ އަކީ އެންމެ މަގްބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިއެކެވެ. އޭނާ ކިޔާފައިވާ ބައެއް ލަވަތަކަކީ "ސްޓާބޯއީ"، "ޔޫ ރައިޓް" އަދި "ޑައި ފޮ ޔޫ" ހިމެނެއެވެ.