މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ވައްކަމާ ފޭރުމުގެ މައްސަލަ އިތުރުވެގެންދާއިރު ފުލުހުން ވަނީ ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަން ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކޮށްފައެވެ. އަދި ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާ އާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެެވެ.

ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުންދިނުމަށް ވަނީ އެދިފައެވެ.

ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުން އެހެން އަހަރުތަކާ ބަލާއިރު 2022 ވަނަ އަހަރު ރަމަޟާން މަހު ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތައް މަދެވެ. މި ގޮތުން މިދިޔަ އަހަރު ރަމަޟާން މަހު ހުށަހަޅާފައިވަނީ ވައްކަމުގެ 286 މައްސަލައެވެ.