ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރު ކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ސްޓޫޑިއޯ ހުޅުއްވައިދެއްވީ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓާ އަހުމަދު އާތިފްއެވެ.
މި ކްލޭ ސްޓޫޑިއޯ ހުޅުވާފައި ވަނީ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. އެޗްޑީސީން ބުނީ، މި ސްޓޫޑިއޯ އިން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގާ، އެ މަސައްކަތް ތަޖުރިބާ ކޮށްލަން އެދޭ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
އޭގެ ތެރޭގައި ރައްޓެހިންނާއި އެކުވެރިންނާއި އެކު ނެގޭ ގަޑިތަކާއި އިންޑިވިޖުއަލް ގަޑިތައް ވެސް ހިމެނޭ ކަމަށާއި އަދި ކުޑަކުދިންނަށް ވެސް މި ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު މި ސްޓޫޑިއޯއިން ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރަށް އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ވެސް ބާއްވާއިރު ފްރީލާންސް އާޓިސްޓުންނަށްވެސް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މި ސްޓޫޑިއޯ އަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯ ކަމަށެވެ.