އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމު ސީރީޒް "ހެރީ ޕޮޓާ" ގެ ގޮބްލިން ރޯލުން ފެނިގެންދިޔަ އެކްޓަރު ޕޯލް ގްރާންޓް މަރުވެއްޖެއެވެ.
ސްޓާ ވޯސްގެ އެކްޓަރު ޕޯލް، އުމުރުން 56 އަހަރުގައި މަރުވީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ލަންޑަނުގައި ހުރި ޓްރެއިން ސްޓޭޝަނުގައި ހުއްޓާ ކޮލާޕްސްވެ، އަންރެސްޕޮންސިވް ވުމާއެކު މި މަހުގެ 16 ވަނަ ދުވަހު ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ބްރެއިން އެއްކޮށް ޑެމޭޖްވެ، ލައިފް ސަޕޯޓުގައި އޮތް ޕޯލް ލައިފް ސަޕޯޓުން ނެގީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ޕޯލް މަރުވިއިރު ދުނިޔޭގައި އޭނާގެ ތިން ކުދިން އެބަތިއްބެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އޭނާ މަރުވުމާއެކު ހޮލީވުޑްގެ ގިނަ ސެލެބްރިޓީން އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންދާ އިރު އޭނާގެ ސަޕޯޓަރުން ވަނީ އާއިލާ އަށް ލިބުނު ހިތާމައިގައި ބައިވެރިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.
އޭނާ މަރުވުމާއި ގުޅިގެން އޭނާގެ އަންހެން ދަރިފުޅު ސޯފީ ޖޭން ބުނީ ބައްޕަ އަކީ ލެޖެންޑެއް ކަމަށާއި އަބަދުވެސް ބަލާނީ އެހެން މީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެވޭތޯއެވެ. ބައްޕަ އަކީ އާސެނަލް އަށް ސަޕޯޓްކުރާ މީހެއް ކަމަށާއި މީހަކު ކަމަކަށް އެދެފިނަމަ ބައްޕައަށް އެކަމެއް ވާނަމަ އެކަން ކޮށްދޭނެ ކަމަށްވެސް ސޯފީ ބުންޏެވެ. ސޯފީ ބުނީ ޕޯލް އަކީ ހުރިހާ ކުދިންދެކެވެސް އިންތިހާ އަށް ލޯބިވާ މީހެއް ކަމަށާއި ބައްޕަ ނެތުމުގެ އިހުސާސްކުރެވޭނެ ކަމަށެވެ.
ޕޯލް އާއި އޭނާގެ ކުރީގެ އަނބިމީހާ ޖެނެތު ކްރައުނުގެ ކައިވެނި ރޫޅުނީ ޕޯލް، ޖެނެތަށް ބޭވަފާތެރިވީކަން ފަޅާއެރުމުންނެވެ. 2014 ވަނަ އަހަރު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޕޯލް ބުނީ އެކައިވެންޏަށް އޭނާއަށް ލޯބި ތިން ކުދިން ލިބުނު ކަމަށެވެ. ޖެނެތު އާއި ވަކިވުމަށްފަހު ޕޯލް ވަނީ އަލްކަހޯލްގެ ޝިކާރައަކަށް ވެފައެވެ.
އޭގެ ފަހުން ޕޯލް ލޯބީގެ ގޮތުން ގުޅުނީ މަރިއާ ޑްވެޔާ ކިޔާ އަންހެނަކާއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވީނަމަވެސް މީޑިއާ ކުރިމަތީގައި ޕޯލް މަރިއާގެ ވާހަކަ ފާޅުކަން ބޮޑުގޮތެއްގައި ދައްކާފައެއް ނުވެއެވެ. އޭނާ މަރުވުމާއެކު މަރިއާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޕޯލް އަކީ އޭނާގެ ހަޔާތަށް އައި އެންމެ ރަނގަޅު މީހާ ކަމަށެވެ. އަދި ޕޯލް އަކީ ވަރަށް މަޖާ މީހެއް ކަމަށާއި ޕޯލް، އޭނާގެ ހަޔާތަށް އައުމާއެކު އޭނާގެ ދިރިއުޅުން ފުރިހަމަވި ކަމަށެވެ. ޕޯލް މަރުވުމަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ޕޯލް ގާތުގައި ނެތްކަމުގެ އިހުސާސް އަބަދުވެސް ވާނެ ކަމަށެވެ.