ޔަހޫދީ އިޒްރޭލުގެ މިހާރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޯރިޗް، ފަލަސްތީނެއް ވެސް ނެތް ކަމަށާއި އެހެން ކަމުން ފަލަސްތީނުގެ ރައްޔިތަކުވެސް ނެތް ކަމަށް ބުނުމުން މެދުއިރުމަތި ކެކިގަނެއްޖެއެވެ.
މި ޔަހޫދީ އަކީ މީގެ ކުރިން، ފަލަސްތީނުގެ އަވަށެއް ނައްތާލަން ވެސް ގޮވާލި މީހެކެވެ. އެއާއެކު އޭރު ޔަހޫދީން އެ އަވަށުގައި ހުރި ކާރުތަކުގައި އަލިފާން ޖަހާ، ގެތަކުގައި ރޯކޮށް ހެދިއެވެ.
ހައްދުފަހަނަ އަޅާފައިވާ ކަނާއަތު ފިޔައިގެ މި ޔަހޫދީ ވަޒީރު މިވާހަކަ ދައްކާފައި ވަނީ ފްރާންސަށް ކުރި ދަތުރެއްގައި އެގައުމުގައި ދިރިއުޅޭ ޔަހޫދީންނާ ބައްދަލު ކޮށްފައެވެ.
މި މައްސަލަ ފަލަސްތީނުގެ އިތުރުން، މިސްރާއި، ޖޯޑަން އިން ކުށްވެރި ކޮށްފައި ވާއިރު، އައްމާނުން ވަނީ، އެގައުމުގައި ހުންނަ އިޒްރޭލް އެމްބެސެޑަރު ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
މިކަމާ ގުޅިގެން އދ ގެ ސެކްރެޓަރީ ނެޖެރަލް އެންޓޯނިއޯ ގްޓަރޭސްގެ ތަރުޖަމާން ވިދާޅުވީ ޔަހޫދީ ވަޒީރުގެ ވާހަކަ އަކީ މިހާރު މެދުއިރުމަތީގައި އޮތް ހާލަތަށް އެހީތެރިވެދޭނެ ވާހަކައެއް ނޫން ކަމަށާއި ފަލަސްތީން އެބައޮތް ކަމަށެވެ. އަދި އދ އިން އަބަދުވެސް ތާއީދު ކުރަނީ އަދި މަސައްކަތް ކުރާނީވެސް މިނިވަން 2 ދައުލަތް އޮތުމަށް ކަމަށެވެ. އެއީ ފަލަސްތީނުގެ ދައުލަތާއި އިޒްރޭލުގެ ދައުލަތެވެ.
ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ ޔަހޫދީ ވަޒީރުގެ ބަސްމަގަށް ފާޑު ކިޔާފައެވެ. އިޔޫގެ ފޮރިން ޕޮލިސީ ޗީފް ވިދާޅުވީ ވަޒީރު އެހެން ބުނުން ގޯސް ކަމަށާއި، އެއީ އިހުތިރާން ކުޑަކުރުން ކަމަށާއި އަދި ނުރައްކާ ވާހަކައެއްގެ އިތުރުން އުފެއްދުންތެރި ވާހަކައެއްވެސް ނޫން ކަމަށެވެ.
މި ޔަހޫދީ ވަޒީރު ފްރާންސަށް ކުރި ދަތުރުގައި އެގައުމުގެ އެއްވެސް އޮފިޝަލަކާ ބައްދަލު ކޮށްފައެއް ނުވެއެވެ. އޭނާ ބައިވެރި ވީ އެގައުމުގައި ދިރިއުޅެ ޔަހޫދީން ބޭއްވި ހަރަކާތެއްގައެވެ. އެ ހަރަކާތުގައި 'ގްރޭޓާ އިޒްރޭލް" ތަމްސީލު ކުރުމަށް ބޭނުން ކޮށްފައި އޮތް ޗާޓުގައި ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ގޯލާންގެ އުސް ބިންތަކާއި ޣައްޒާ އާއި ޖޯޑަން (އުރުދުން) ވެސް ވަނީ ހިމަނާފައެވެ. އިޒްރޭލަކީ، 1967 ގައި ކުރި 6 ދުވަހުގެ ހަނގުރާމައިގައި ޖަރޫސަލަމް ގެ އިރުމައްޗާއި ގައްޒާގެ އިތުރުން ގޯލާނުގެ އުސް ބިންތައް ހިފައިގެން މިއަދާ ހަމައަށް ވެރިވެގަނެގެން ތިބި ބައެކެވެ.
މި ޔަހޫދީ ވަޒީޒު މި މޭރުމުން ވާހަކަ ދެއްކި އިރު، އިއްޔެ މިސްރުގައި ފަލަސްތީނާއި އިޒްރޭލުގެ އޮފިޝަލުން ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ އަލީގައި ދެފަރާތުންވެސް ހަމަނުޖެހުން ނުހިންގާ ތިބުމަށް އޮތީ އެއްބަސްވެފައެވެ. ނަމަވެސް މިއަދު ޔަހޫދީ ވަޒީރުގެ އެ ބަސްތަކާ ގުޅިގެން މިހާރު މަޝްރަހް ވަނީ ހޫނުވެ ކުރިމަތިލުމަކަށް ދާ ހިސާބުގައެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ ސަރުކާރުން ބުނީ، އެ ވަޒީރުގެ ބަސްމަގަކީ ސަރުކާރުން ގަބޫލު ކުރާ ހަމައެއް ނޫން ކަމަށާއި ސަރުކާރުން އެގޮތަށް ނުދެކޭ ކަމަށެވެ.