ކުރިއަށް އޮތް 4 އަހަރަށް އަމާޒުކޮށް، އިގްތިސޯދީ ދަތިކަން ފޫބެއްދުމަށް އައިއެމްއެފް އިން ލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

މިލޯނު ހަމަޖެހުނު ވާހަކަ ހާމަ ކުރައްވާ ލަންކާގެ ރައީސް ވިދާޅުވީ، ލަންކާއަށް މިވަގުތު ދިމާވެފައި ވާ އިގްތިސޯދީ ދަތިހާލަތުން އަރައިގަތުމަށް އެ ލޯނާއެކު ޖުމްލަ 7 ބިލިއަން ޑޮލަރުގެ ފަންޑެއް ލިބުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އައިއެމްއެފްއިން ހަމަޖައްސައި ދިން މި ލޯނުގެ ދަށުން އެންމެ ފުރަތަމަ ދޫކުރާނީ 333 މިލިއަން ޑޮލަރެވެ. އޭގެ ފަހުން ބައިބަޔަށް ބަހާލައިގެން ދެމުން ގެންދާނެއެވެ. މިއާއެކު އައިއެމްއެފް އިން ބުނީ، ލަންކާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެއްބަސްވެފައި ވާ ގޮތަށް ޓެކްސް ރިފޯމް ކުރުމާއި ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދު ކުރުމާއެކު އެންމެ ފަަގީރު ގިންތިއަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ލަންކާ ބަންދު ކުރުމާއި ދަނޑުވެރިކަމުގެ ދާއިރާގައި ބޭނުން ކުރާ ފާޓިލައިޒާ ލިބުމުގައި ދިމާވި ދަތިތަކާ ހުރެ، ލަންކާ ބަންގުރޫވެ ކާބޯތަކެއްޗާއި ގޭހާއި ބޭސް އިންތިހާއަށް އަގުބޮޑުވެގެން ދިޔައެވެ. އަދި ރިޒާވް އެއްކޮށްހެން ހުސްވެ، 22 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ އެންމެ ޒަރޫރީ އެއްޗެހި އިމްޕޯޓް ކުރުމަށް ވެސް ނުކުޅެދިގެން ދިޔައެވެ.

އެއާއެކު ސަރުކަރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކޮށް، ހަމަނުޖެހުން ހިނގާ، އޭރު އޮތް ގޮތަބަޔާގެ ސަރުކާރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ.

ލަންކާގެ ބޭރު ގައުމުތަކުގެ ދަރަނި ބޮޑުވެ 10 ބިލިއަން ޑޮލަރަށް އަރައިގެން ދިޔަ އިރު އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޗައިނާ އަށެވެ. ނަމަވެސް ޗައިނާއިން ދަރަނި ރީސްޓްރަކްޗާ ކޮށްދިނުމަށް 2 އަހަރުގެ ޕްލޭނެއް ހުށަހެޅުމާއެކު އައިއެމްއެފްގެ ލޯނު ހަމަޖެހިގެން ދިޔުމުން ލަންކާއަށް ހިންދެމިލެވޭނެ ކަމަށް މުރާސިލުން ބުނެއެވެ.