ދިވެހި ސަރުކާރުން ގެންނަމުންދާ މާލީ އިސްލާހުތަކަށް އިންޓަނޭޝަނަލް މަނެޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފު ކޮށްފިއެވެ.

އައިއެމްއެފްގެ ހާއްސަ ވަފުދަކުން ވަނީ ޖެނުއަރީ 23 ފެބްރުއަރީ 6 އަކަށް ރާއްޖެ ޒިޔާރަތްކުރައްވާފައެވެ. އެެއަށްފަހު އެ އިދާރާއިން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް އިގުތިސާދު ހަރުދަނާކުރަން ސަރުކާރުގެ އިދާރާތަކުން އަޅަން ފަށާފައިވާ ފިޔަވަޅުތައް ފާހަގަކޮށް، މަރުހަބާ ކިޔާފައެވެ.

އެގޮތުން ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާ ނިންމުން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އައިއެމްއެފްއިން ވަނީ ސަބްސިޑީ އާއި އާސަންދަ ނިޒާމު ހަރުދަނާކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަކުރަން ސަރުކާރުން ނިންމާފައިވުމާއި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނެ ތަރުތީބެއް އެކުލަވާލުމަށް ސަރުކާރުން ނިންމާފައި ނިންމުން ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވެސް އެ އިދާރާއިން ނެރުނު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް19 އަށްފަހު ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނައިރު 2022 ވަނަ އަހަރު އިގްތިސާދު 13.9 ޕަސެންޓް ކުރިއަރާފައިވާކަން ފާހަގަކޮށް އައިއެމްއެފްއިން ބުނީ މިދިޔަ 2023 ވަނަ އަހަރު 4.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާ ކުރެވުނު ކަމަށެވެ. އަދި ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭތީ މި އަހަރު ރާއްޖޭގެ އިގުތިސޯދު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

އައިއެމްއެފްއިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހުޅުވަން ކުރަމުންދާ މަސައްކަތާއެކު ކެޕޭސިޓީ އިތުރުވުމަކީ ރާއްޖޭގެ އިގުތިސާދަށް އަންނާނެ އިތުރު ކުރިއެރުމެއް ކަމަށެވެ.