އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ދުބާއީގައި ކުރިއަށްދާ ވަލްޑް ގަވަމަންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ.

އެ ބައްދަލުކުރެއްވުމުގައި ކްރިސްޓަލީނާ ޖޯޖީވާ ވަނީ ގައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. އަދި މިދިޔަ ނޮވެންބަރު 17 ވަނަ ދުވަހު އައި އާ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ގުޅިގެން ޖޯޖީވާ ވަނީ އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ހާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި ޖީޖީވާ ވަނީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމާ މުހާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި ވާކަމަށްޓަކައި ޖޯޖީވާ ވަނީ ތައުރީފު ކުރައްވާފައެވެ.

އެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަން ބަލައިގަންނަން ކަމަށް ވިދާޅުވެ ޖޯޖީވާ ވަނީ އެކަންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ގާބިލުކަން ހުރި ކަމަށެވެ. އަދި ހަމައެއާއެކު މުއިއްޒު އިސްވެ ހުންނަވައިގެން ރާއްޖެއަށް ގެންނަވާ އިގްތިސޯދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި ކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރައްޔިތުންނާއެކު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ހިއްސާކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ޖޯޖީވާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖޯޖީވާ ވަނީ ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެއް ކަމަށާއި އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައި އެ ކަންކަމަށް ވިސްނަވައިގެން އެ ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޖޯޖީވާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ރައީސް ވަނީ އައިއެމްއެފް އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ އައިއެމްއެފްއަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ބައްދަލުވުން ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ ގުޅުން ބަދަހިކުރެވޭނެ ކަމުގެ އުއްމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުންނެވެ.