ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގްތިސޯދީ ހާލަތުން އަރައިގަތުމުގައި އައިއެމްއެފްގެ ޕްރޮގްރާމަކަށް ރާއްޖެ ނުދާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ވަނީ މިއަދު އެ ގައުމަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގެ ކުރިން އީމެއިލް މެދުވެރިކޮށް 'ބީބީސީ' އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު އިންޑިއާ އަށް އެނގޭނެ ކަމަށާއި، އެ ގައުމަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށެވެ.
"އިންޑިއާ އަށް އަޅުގަނޑުމެންގެ މާލީ ހާލަތު އޮތް ގޮތް ފުރިހަމައަށް އެނގޭނެ، އަދި އެއީ އަޅުގަނޑުމެންގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމުން، އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމަށްޓަކައި އަބަދުވެސް އޮންނާނީ ތައްޔާރަށް،" ބީބީސީ އަށް ރައީސް ވިދާޅުވި ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.
އޭރު އިދިކޮޅުގައި އޮތް ޕީއެންސީން ހިންގި 'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ހުޅުވިގެން މަޝްވަރާކުރެވިގެން ދިމާވާ މައްސަލަތައް ހައްލުކުރެވޭނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސް އިން ވަނީ ބޭރު ފައިސާ ނުލިބިއްޖެ ނަމަ ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2 އަށް ދަށްކޮށްފައެވެ. ހަމަ އެހެންމެ ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ' އަށް ދަށްކޮށްފައެވެ.
ނަމަވެސް ރައީސް ވިދާޅުވީ، ބޭރުގެ ދަރަނި ނުދެއްކޭ ފަދަ ހާލަތެއް ރާއްޖޭގައި ނެތް ކަމަށެވެ.
"[ދަރަނި އަދާކުރުމަށް] އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުތަކެއް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
'ބީބީސީ'ގައި އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސްގެ ރަސްމީ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އިންޑިއާއިން މާލީ އެހީތެރިކަން ލިބޭތޯ މަސައްކަތްކުރުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެ ގައުމުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އަދި މުމްބާއީއަށާއި ބެންގަލޫރޫ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.