ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ލީޑަރު، ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިން ބޭފުޅަކު ހަމަޖައްސައިފިއެވެ.

މި ބަދަލުތައް ގެނެސްފައި ވަނީ ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އެގޮތުން ގާސިމްގެ ކުރީގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ތިއްބެވި ކުރީގެ ހޯމް މިނިސްޓަރު ކަން ކުރެއްވި އަޒްލީން އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވާފައިވާ ދެ ބޭފުޅުން ކަމަށްވާ އަހްމަދު ނިހާނާއި ރިޔާޒް ރަޝީދު ވަނީ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.

އަދި ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު ވަނީ ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އިލްހާމަކީ ޕީޕީއެމް ދޫކޮށްލީންސުރެ ގާސިމްގެ ވަރަށް އަރިސް ބޭފުޅަކަށް ވާއިރު މީގެ ކުރިން އިލްހާމް ވަނީ ދަނގެތީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެސް ފުރުއްވާފައެވެ.

އަދި ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހަސަން މުގުނީ އާއި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ އިތުރުން ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލް ޣަނީ ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުންވެސް އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކައުންސިލަށް އައްޔަން ކުރާ 10 މެންބަރުންގެ ތެރެއިން ދެ މެންބަރު ކަމުގައިވާ އިބްރާހިމް ޖިހާދާއި އަބްދުﷲ ރަޝީދު ވެސް ވަނީ ކައުންސިލްގެ ބައްދަލުވުމުގައި އައްޔަން ކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރަން ނިންމާފައި ވާއިރު މި މަހުގެ 30ގެ ނިޔަލަށް ވަނީ އެ ޕާޓީގެ ޕްރައިމަރީއަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޖޭޕީން ކޯލިޝަނަކަށް ތައްޔާރުވަމުން ދާ އިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރައްވަން ނިންމިއިރު މިއީ އާ ގާނޫނު އަސާސީއަށް ފަހު ޖޭޕީން ވަކިން ނުކުންނާނެ ފުރަތަމަ ފަހަރެވެ.