އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ދަނޑުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އެ ހިދުމަތް ތައާރަފުކޮށްފައިވަނީ އެލައިޑު އިންޝުއަރަންސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަޔާދީ ތަކަފުލްއިން ބުނީ "ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށެވެ. އެ ހިދުމަތަށް އޮންލައިންކޮށް ވަގުތުން ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާއިރު އެ ވަގުތު އެ ހިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދާ ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

"ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެ ކަން ފާހަގަކޮށް އަޔާދީ ތަކަފުލްއިން ބުނީ އެކަމުގެ ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށް ކަމަށެވެ.

މިހާރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާ ބާރުވެރިކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝުއަރަންސްއިން އުއްމީދުކުރާ ގޮތުގައި "ކްރޮޕް ތަކާފުލް"އަކީ ވެސް ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭން ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން "މައި އެލައިޑް" މެދުވެރިކޮށް ވަގުތުން، ފަސޭހައިން ނެގޭ އެ ހިދުމަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ކުރާއްވާނެ ކަމަށް އުއްމީދުކުރާ ކަމުގައި އެލައިޑުން ފާހަގަކުރިއެވެ.

އަޔާދީ ތަކަފުލްއިން އިތުރަށް ބުނީ މިކަމަށް ހިނގާނެ ހަރަދު ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލާލެވޭނެ ކަމަށެވެ.