އެލައިޑް އިންޝިއުރެންސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ލުވައިޒް އައްޔަން ކޮށްފިއެވެ.

އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުވައިޒް އަދާ ކުރައްވަމުން ގެންދެވީ އެ ކުންފުނީގެ ޖެނެރަލް ކްލެއިމްސް ސެކްޝަންގެ މެނޭޖަރު ކަމުގެ މަގާމެވެ. އަދި އޭނާއަކީ އެ ދާއިރާއިން އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައި ވާ ބޭފުޅެކެވެ.

2002 ވަނަ އަަހަރު ކުންފުންޏާ ގުޅިވަޑައިގެންނެވި ލުވައިޒް އަކީ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓް، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑް އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފައިނޭންސްގެ ސީނިއާ އެސޯސިއޭޓް ގެ އިތުރުން މެލޭޝިއާ އިންޝުއަރެންސް އިންސްޓިޓިއުޓްގެ އެސޯސިއޭޓެއްވެސް މެއެވެ.

މީގެ ކުރިން އެލައިޑްގެ އެމްޑީގެ މަގާމުގައި ހުންނެވީ މުހައްމަދު ޝަފާޒެވެ. އެފަހަރު ޝަފާޒް މަގާމަށް އައްޔަން ކުރީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކުރައްވަމުން ގެންދެވި އަހުމަދު އަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެލައިޑަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ވާއިރު، އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރޭންސްގެ ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުންޏަކީވެސް އެލައިޑެވެ.

30 އަހަރުގެ ހިދުމަތާއެކު އެލައިޑުން ވަނީ އިންޝުއަރޭންސްގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މިއަދު އެ ކުންފުންޏަކީ އެންމެ ކުދިކުދި ރަށްރަށުގައި ދުއްވާ ކުދި އުޅަނދު ފަހަރުން ފެށިގެން މަލްޓި މިލިއަން ޑޮލަރުގެ ޓޫރިސްޓް ރިސޯޓުތަކަށް ވެސް އިންޝުއަރޭންސްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.