ކަލަންޑަރު ދައްކާ ގޮތުން ރައްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ކަލަންޑަރު ދައްކާ ގޮތުން ސައުދީ އަރަބިއްޔާއަށް ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
އާންމުކޮށް ރާއްޖޭގައި ސައުދީއާ އެއްގޮތަކަށް ރޯދަ ހިފަން ފެށި ނަމަވެސް ހަނދު ސާބިތުވާން ހުންނަ ވަގުތަށް ބަލާ އިރު ތާރީހު ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.
އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން މިއަހަރުގެ ރަމަޟާން މަހާ ދިވެހިން ކުރިމަތިލާ އިރު، ގޭތެރެ ޒީނަތްތެރި ކުރުމާއި، ރޯދައަށް ބޭނުންވާ ކާބޯތަކެތި ތައްޔާރު ކުރުމަށް ބާޒާރު ކުރުންފަދަ އެތައް މަސައްކަތެއް މިދުވަސްވަރު ހިނގައެވެ. ހަމަ އެހެންމެ ވިޔަފާރިވެރިން ޑިމާންޑްގެ ބޭނުން ފުރިހަމައަށް ހިފާ، ކަބޯތަކެތީގެ އަގު އުފުލާ ވިއްކާލައެވެ.
ރޯދައިމެ މާތް އަޅުކަމަށް ފެށެން ވާއިރު އެ މުއާމަލާތްތައް ނިންމާ ތައްޔާރުވެއެވެ.
ދިވެހިންނެކޭ އެއްގޮތަށް ދުނިޔޭގެ 4 ބިތުގައި ދިރިއުޅޭ މުސްލިމުންވެސް ރޯދައަށް ތައްޔާރު ވެއެވެ. އެބައެއްގެ ސަަގާފަތާއި އާދަކާދަތަކާ އެއްގޮތަށް ކަންކަން ތަރުތީބު ކުރެއެވެ.
އިރުއަރާ އޮއްސޭ ދަނޑިން، ދުނިޔޭގެ ގަޑިއަށް ބަލާ އިރު މިއަހަރު އެންމެ ގިނަ ވަގުތު ރޯދަ ހިފަން ޖެހޭ ބަޔަކީ، ގްރީންލޭންޑްގެ ނޫކް، އައިސްލޭންޑްގެ ރޭކްޖަވިކް، ފިންލޭންޑްގެ ހެލްސިންކީ، ސްވިޑަންގެ ސްޓޮކްހޯމް އަދި ސްކޮޓްލޭންޑްގެ ގްލާސްގޯ އެވެ. މި ސިޓީތަކުގައި މިއަހަރު އެވްރެޖް ގޮތެއްގައި 17 ގަޑި އިރު ރޯދަ އަށް ތިބެން ޖެހޭނެއެވެ.
ދެން މިލިސްޓިގައި ހިމެނެނީ؛
- ނެދަލޭންޑްސް ގެ އެމްސްޓަޑަމް 16 ގަޑި އިރު
- ޕޮލަންޑްގެ ވާސޯ 16 ގަޑި އިރު
- ޔޫކޭ ގެ ލަންޑަން 16 ގަޑި އިރު
- ކަޒަކިސްތާން ގެ އަސްތަނާ 16 ގަޑި އިރު
- ފްރާންސްގެ ޕެރިސް 15 ގަޑި އިރު
- ސްވިޒަލޭންޑްގެ ޒިޔުރިކް 15 ގަޑި އިރު
- ރޮމޭނިއާގެ ބުޗަރެސްޓް 15 ގަޑި އިރު
- ކެނެޑާގެ އޮޓާވާ 15 ގަޑި އިރު
- ބަލްގޭރިއާގެ ސޯފިއާ 15 ގަޑި އިރު
- އިޓަލީގެ ރޯމް 15 ގަޑި އިރު
- ސްޕެއިންގެ މެޑްރިޑް 15 ގަޑި އިރު
- ޕޯޗްގަލްގެ ލިސްބަން 14 ގަޑި އިރު
- ގްރީސްގެ އެތެންސް 14 ގަޑި އިރު
- ޗައިނާގެ ބެއިޖިން 14 ގަޑި އިރު
- ޔޫއެސްއޭގެ ވޮޝިންގްޓަން 14 ގަޑި އިރު
- ނޯތު ކޮރެއާގެ ޕިޔޮންގްޔަންގް 14 ގަޑި އިރު
- ތުރުކީގެ އަންކާރާ 14 ގަޑި އިރު ހިމެނެއެވެ.
މި އަހަރު ރޯދަ އެންމެ ކުރު ސިޓީތަކުގެ ތެރޭގައި ހިމެނެނީ؛
- އާޖެންޓީނާގެ ބިއުނޮސް އެއިރީސް 12 ގަޑި އިރު
- ޕެރަގުއޭގެ ސިއުޑާޑް ދެލް އެސްޓޭ 12 ގަޑި އިރު
- ސައުތް އެފްރިކާގެ ކޭޕްޓައުން 12 ގަޑި އިރު
- އުރުގުއޭގެ މޮންޓެވިޑޯ 12 ގަޑި އިރު
- އޮސްޓްރޭލިއާގެ ކެންބަރާ 12 ގަޑި އިރު
- ޗިލީގެ ޕުއެޓޯ މޮންޓެ 12 ގަޑި އިރު
- ނިއުޒީލަންޑްގެ ކްރިސްޓްޗާޗް 12 ގަޑި އިރު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.9 ބިލިއަން މުސްލިމުން ދިރިއުޅޭ އިރު ދިވެހިރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އަބަދުވެސް ރޯދަ ހިފަން ޖެހެނީ 12 ގަޑިއެއްހާ އިރުއެވެ. އެ ވަގުތު 13 ގަޑިއިރަށް އަރައިގެން ގޮސްފައި ވާކަމަށް ހިސާބުތަކުން ފެންނާކަށް ނެތެވެ.
ރޯދަމަހަކީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު އަށް ކީތިރި ޤްރުއާން ބާވާލައްވަން ފެއްޓެވި ބަރަކާތްތެރި މަހެވެ. ކެއުން ބުއިމާއި، ޝަހުވާނީ ހުރިހާ އެދުންވެރިކަމަކުން އެއްކިބާވެ ހުޝޫއަތްތެރިކަމާއެކު ރޯދަ އަދާ ކުރަން ޖެހޭ އިރު ރޯދަ ވަނީ ހަމައެކަނި ﷲ އަށެވެ.
ރޯދަމަހަކީ ހިޖުރީ ކަލަންޑަރުން ބަލާ މަހަކަށް ވުމާއެކު ޖޯޖިއަން ކަލަންޑަރު (އާންމުކޮށް ދިވެހިންވެސް ގެންގުޅޭ ކަލަންޑަރު) އާ އަޅާ ބަލާ އިރު އަބަދުވެސް ކޮންމެ އަހަރަކު 10-12 ދުވަސް އަވަހަށް ފެށޭ މަހެކެވެ. ޖޯޖިއަން ކަލަންޑަރާ ހިލާފަށް ހިޖްރީ ކަލަންޑަރުގައި މަސްތަކުގައި ހުންނަނީ 29 ދުވަހާއި 30 ދުވަހެވެ.
މިއަހަރުގެ ރޯދަ މަސް މާޗް 23 ގައި ފެށޭ އިރު ދެން މާޗް މަހެއްގެ 23 ގައި ރޯދަ މަހެއް ފެށޭނީ މީގެ 33 އަހަރު ފަހުން 2056 ގައެވެ. ޖޯޖިއަން ކަލަންޑަރާއި ހިޖްރީ ކަލަންޑަރާ ދެމެދު އަބަދުވެސް 11 ދުވަހުގެ ފަރަގެއް ހުރުމުން މި ދައުރު ވުމުގައި އެއް އަހަރެއްގައި 2 ރޯދަ މަސް އަންނަ އަހަރެއްވެސް ކުރިއަށް އެބައޮތެވެ. އެއީ 2030 އެވެ. އެ އަހަރު، ފުރަތަމަ ރޯދަމަސް އަންނާނީ ޖެނުއަރީ 5 ގައެވެ. ދެވަނަ ރޯދަ މަސް އެ އަހަރުގެ ޑިސެމްބަރު 25 ގައި އަންނާނެއެވެ.
ކަލޭ ރޯދަ ހިފަން ފަށަނީ އިރުއެރީމަތަ؟ މިހާރު ފަތިސްނަމާދު ވަގުތުވޭ ފަތިހު 5 ނުޖަހަނީސް. ފަތިސްނަމާދު ވަގުތު ފެށުމާއެކު، ރޯދަ ހިފަންޖެހޭ ވަގުތު ފެށުނީ. އިރު އޮއްސެނީ ހަވީރު 6 ގެ ފަހުން. ރޯދަ ވީއްލޭނީ އިރުއޮއްސުނީމާއި. އޭރުންވެސް 13 ގަޑިއިރަށްވުރެ ގިނަވޭ. އެކަމަކު ކަލޭ ތިޔަ ބުނަނީ ރާއްޖޭގައި ރޯދަ ހިފަންޖެހޭ ވަގުތު 13 ގަޑިއިރަކަށް ނާރައޭ. ތިމާއަށް ތަނެއްދޮރެއް ނޭނގުނަސް އެއްޗެހި ލިޔާތި.