ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމީޓްރިއޯސިސް ޑޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ނިންމައިފިއެވެ.

އެންޑޯމާޗް ޑޭ ފާހަގަކުރުމަށް ނިންމާފައި ވަނީ އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.

އެޗްޑީސީއިން ބުނީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހަވީރު ހާއްސަ ހިނގާލުމެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މާދަމާ ހަވީރު 4:00 ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުން ފެށުމައް ހަމަޖެހިފައިވާ އެ ހިނގާލުން އިރުއޮއްސި 6:00 އަށް ކުރިއަށް ގެންދާނެކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ އެ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެއް ކަމުގައެވެ.

އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެޗްޑީސީއިން ގުޅިގެން ކުރިއަށް މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލުތުންތެރިކަން އިތުރުކުރުމުގެވެ. ރާއްޖޭގައި ވެސް މި ބަލި ތަހައްމަލު ކުރަމުންދާ ގިނަ ބަޔަކު ތިބުމާއެކު ވެސް މި ބައްޔާ މެދު އާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި، މި ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވެފައިވުމުން އެޗްޑީސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފަދަ ބަލި ބައްޔާ މެދު ހޭލުންތެރިވެ މި ބަލި ތަހައްމަލު ކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރިވެދިނުމަށް އެޗްޑީސީއިން އިލްތިމާސްކޮށްފައި ވާއިރު ގައިންގަޔަށް ނާރާ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެޗްޑީސީގެ މި އަހަރުގެ އަމާޒުތައް ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހު ފާހަގަކުރާ އެންޑޯމާޗް ޑޭއާ ގުޅިގެން މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ބާއްވައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ދަނީ އެންޑޯމެޓްރޯސިސް ތަހައްމަލު ކުރަމުންނެވެ.

އެންޑޯމެޓްރިއޯސިސް އަކީ ރަހިމުގެ އެތެރޭގައި އުފެދެން ޖެހޭ ޓިޝޫ ރަހިމުގެ ބޭރުގައި އުފެދުމުގެ ސަބަބުން ބަޑުގައި ރިހުން އަދި ދަރިމައިނުވުން ކުރިމަތިވާ ބައްޔެކެވެ. ދުނިޔޭގައި ދަރިމައިވާ އުމުރުގެ 10 ޕަސެންޓު (190 މިލިއަން) އަންހެނުން އަދި އަންހެން ކުދިންނަށް ވަނީ މި ބައްޔާ ކުރިމަތިލާން ޖެހިފައެވެ.