ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީއިން މާހެފުމެއް ބާއްވަން ނިންމައިފިއެވެ.
އެކަމާ ގުޅިގެން އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަކީ އެޗްޑީސީން އަބަދުވެސް އެދޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމުގެ ގޮތުން މީގެ ކުރިން ވެސް އެކި ކަހަލަ ހަރަކާތްތައް ރާވާ ހިންގާފައި ވާނެކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަ އާއިލީ ހަވީރެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތުގައި ރަމަޟާން މަސް ފެށެން ގާތްވެފައި ވުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ކުދި ބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މާދަމާ ހަވީރު 4 އިން 6 އަށް ބާބަކިއު ބީޗުގައި މާހެފުން ބާއްވަން ވަނީ ނިންމާފައެވެ.
އެ ހަރަކާތުގައި ބައިވެރިވުމަށް އެޗްޑީސީއިން އެންމެނަށް ދައުވަތު ދެއެވެ.
އެޗްޑީސީއިން އިސްނަގައިގެން ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު ހިޔާ ސަރަހައްދަށް ހާއްސަކޮށްގެން ވެސް މީގެ ކުރިން ވަނީ ތަފާތު ހަރަކާތްތައް ހިންގާފައެވެ. އަދި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތައް ވެސް މީގެ ކުރިން ހިންގާފައި ވެއެވެ.