ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ނެރެން ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޖޭޕީން މި ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވުނު އެ ޕާޓީ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމުމާ ގުޅިގެންނެވެ. ޖޭޕީގެ ފަރާތުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ މަތިން ރިޔާސީ ޓިކެޓު ދޭނެ މީހެއް ހޮވާނީ ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީންނެވެ.
އެގޮތުން އެ ޕާޓީގެ ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑއަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މެންބަރުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އެކަމަށް އެދި ފޮނުވާ ސިޓީއާ އެކު އެ ފަރާތެއްގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާ ވަނަވަރު މިމަހު 30ގެ ކުރިން ޕާޓީގެ އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން އެދުނެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.
ނަމަވެސް ކުރިއަށްދިޔަ މަޝްވަރާތަކާ ހިލާފަށް ކައުންސިލްގެ އަގްލަބިއްޔަތުން ޖޭޕީ ވަކިން ވާދަކުރައްވަން ނިންމިއިރު މިއީ އާ ގާނޫނު އަސާސީއަށްފަހު ޖޭޕީން ވަކިން ނުކުންނާނެ ފުރަތަމަ ފަހަރެވެ.