މި ރަމްޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހޮޓާ، ރެސްޓޯރެންޓް އަދި ކެންޓީންތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 ހަމައަށް ކަަމަށެވެ. އަދި ޝައްވާލުމަހުގެ ފުރަތަމަ ހަ ދުވަހު މި ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ފަތިހު4:30 އިން ފެށިގެން މެންދަމު 3:00 އަށް ކަަމަށެވެ.

މީގެ އިތުރުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަ ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން ދަންވަރު 1:00 އާއި ހަމައަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ވިޔަފާރި ކުރާ ތަންތަން ހުޅުވާފައި ހުންނަގަޑިތަކަށް ބަދަލު ގެންނައިރު އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މި ގަވައިދަށް އަމަލުކުރުމަށް އެދިފައެވެ.