1 މިލިއަން ރުފިޔާގެ ރިޝްވަތު ނަގައިގެން ބިމެއް ވިއްކި މައްސަލައެއްގައި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

އެ މުވައްޒަފު ސަސްޕެންޑް ކޮށްފައި ވަނީ އަމިއްލަ ފަރާތަކަށް ކ.ތިލަފުށިން ބިމެއް ވިއްކައިގެންނެވެ. އެއީ މީގެ ކުރިންވެސް އެފަދަ މައްސަލައަކާ ގުޅިގެން ޕާސަނަލް އެސިސްޓެންޓްގެ މަގާމުން އޮފިސަރެއްގެ މަގާމަށް ވަޒީފާ ދައްކޮށްފައި ހުރި މުވައްޒަފެކެވެ. މި އަހަރުގެ ކުރީކޮޅު ހިންގި މި ރިޝްވަތާ ގުޅިގެން އެޗްޑީސީ އިން ދަނީ މިހާރު އިންޓާނަލް އޮޑިޓެއް ކުރަމުންނެވެ.

އަދި މި މައްސަލަ އެޗްޑީސީން ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ.މިހާތަނަށް ބެލި ބެލުމުން އިތުރު މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށް އެޗްޑީސީން ބުންޏެވެ.

މިދިޔަ މަހު ކުރީކޮޅުވެސް ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކުމަށް ހުޅުވާލާފައި ވެއެވެ. ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބިން ވިއްކަމުން ދާއިރު މި ފަހަރު ހުޅުވާލީ ޒޯން އޭގެ ބިންތައް ވިއްކުމަށެވެ.

ބިން ވިއްކުމުގެ އުސޫލެއްގެ ގޮތުން މިދިޔަ މަހު ކަނޑައަޅާފައި އޮތީ އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް) އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުމެވެ މީގެ އިތުރުންވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުން އުސޫލެއްގެ ގޮތުން ކަނޑއަޅާފައި ވެއެވެ. އަދި ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ.