މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގާސިމަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ނަޝީދު ރައްޔިތުން މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ގާސިމަށް މަރުހަބާ ދަންނަވާފައި ވާއިރު ގާސިމް ރިޔާސީ ރޭހަށް ނިކުންނަވަން އެންމެ ބޮޑަށް ބާރު އެޅުއްވީ ނަޝީދު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި ގާސިމާއެކު ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަން އުޅުއްވާ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
ޖޭޕީއިން މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ވޯޓެއް ނަގާފައި ވާއިރު އެ ވޯޓުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން ވޯޓު ދެއްވާފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެކަންޏެވެ. އެއާއެކު ސަމީރު ވަނީ ޖޭޕީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ގާސިމަށް ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހުވެސް ވަނީ ދައުވަތު ދެއްވާފައެވެ. އެހެންނަމަވެސް ގާސިމް ވަނީ ދާދިފަހުން ބޭއްވި އެ ޕާޓީގެ ކޮންފަރެންސްގައި ކޯލިޝަން ހައްދަވައިގެން ލިބުނު ހިތި ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.
ގާސިމް ތަމްސީލު ކުރައްވާ ޖުމްހޫރީ ޕާޓީ އަކީ މިހާރު އޮތް ކޯލީޝަން ސަރުކާރުގެ 33 ޕަސެންޓް ހިއްސާދާރަކަށް ވާއިރު، ރައީސް ސޯލިހުގެ ކެބިނެޓްގެ 3 ޕޯސްޓާއި، އެކި ވުރާޒާތަކުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ޖޭޕީ ސްލޮޓްތަކުގައި ގިނަ ބަޔަކު އެބަތިއްބެވިއެވެ.