ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައި ވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 53 މިލިއަން ރުފިޔާ، ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އެމަނިކުފަނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިއްޔެ އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައި ވާއިރު އާރަށުގެ މައްސަލާގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ހުކުމްކޮށް އެ މައްސަލަ ނިމުނުކަން އިއުލާން ކޮށްފައި ވާ ކަމަށާއި އެހެންކަމުން އެ ވަގުތަށްފަހު އެއްވެސް އަމުރެއް އިތުރު ހުކުމެއް ނުވަތަ އެންގުމެއްވެސް ނެރުން ގާނޫނު ހުއްދައެއް ނުކުރާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި ޖިނާއީ ޝަރީއަތްތަކަކީ ކުޅޭކުޅޭ ކަންތައްތައް ނޫން ކަމަށް ސިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އަމުރު ނެރުނީ އެ ކޯޓުގެ ފަނޑިޔާރެއް ކަމަށާއި އެ އަމުރު ނެރުމުގެ 59 ދުވަސް ކުރިން އެ ކޯޓުގެ ޖުރިސްޑިކްޝަން ނިމިފައިވާ ކަމަށް ސިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަމުން ދޭހަވަނީ ފަނޑިޔާރުން ގާނޫނަށް އަހުލުވެރިވާން ޖެހޭ މިންވަރާއި އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން ޖެހިފައިވާ މިންވަރު ކަމަށް ވެސް ސިޔާޒު ވަނީ ވިދާޅުވެފައެވެ.
ދައުލަތުން ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާ އާ އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ދައުލަތުން ވަނީ އެ ފައިސާ އިންވެސްޓް ކޮށްގެން ހޯދި ފައިސާ ވެސް ހޯދުމަށް އެދިފައެވެ.