މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ޕާލޭ، އެއާޕޯޓް ޕޮލިސް އަދި އެމްއެންޑީއެފްއާ ގުޅިގެން ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި ހުޅުލޭގެ 5 ޒޯނަކުން 9 ޓަނުގެ ކުނި ނަގާފައިވާއިރު މި ހަރަކާތަކީ އެމްއޭސީއެލްއިން "ބިނާރު" ގެ ނަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގާ ސަލާމަތާއި ރައްކާތެރިކަމުގެ އަދި ހެލްތު ކެމްޕއިނުގެ ދަށުން ހިންގި ހަރަކާތެކެވެ.

މި ކެމްޕެއިންގެ އަމާޒަކީ ވީއައިއޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި އޮކިއުޕޭޝަނަލް ހެލްތް އަދި ރައްކާތެރި ކަމުގެ ގާނޫނަށް އަމަލުކޮށް، ރާއްޖޭގެ ސަރުކާރު ހިއްސާވާ އެހެން ވިޔަފާރިތަކަށް ނަމޫނާ ދެއްކުމެވެ.

"ބިނާރު" ކެމްޕެއިންގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި މުވައްޒަފުންގެ ހެލްތް ސްކްރީން ކުރުން، ހޭލުންތެރިކުރުމުގެ ސެޝަންތައް، ސްކޫލް ދަރިވަރުންނަށް އެއާޕޯޓް ޓުއާތައް، ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އޮންލައިން ކުއިޒްތަކުގެ އިތުރުން އެއާޕޯޓް ސާފުކުރުމާއި ވެކްޓާ ކޮންޓްރޯލް ކުރުމުގެ ހަރަކާތްތައް ހިމެނެއެވެ.

ބިނާރު ކެމްޕެއިންގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކާއި ބައިވެރިވި މީހުންގެ އަދަދު:

  • ހެލްތް ސްކްރީން ކުރުން - 500 މުވައްޒަފުން
  • ހޭލުންތެރިކުރުމުގެ 18 ސެޝަން - 300 މުވައްޒަފުން އަދި ސްޓޭކް ހޯލްޑަރުން
  • ސްކޫލް ދަރިވަރުންނަށް އެއާޕޯޓް ޓުއާތައް - ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަންގެ 60 ދަރިވަރުން
  • ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އޮންލައިން ކުއިޒްތައް - 600 މުވައްޒަފުން

އެމްއޭސީއެލުން ބުނީ ބިނާރު ކެމްޕެއިނަކީ އެއާޕޯޓުގެ ސަލާމަތާއި މުވައްޒަފުންގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އަދި ވީއައިއޭ ކޮމިއުނިޓީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ސިއްހަތު ކުރިއެރުވުމަށް އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"ބިނާރު" ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެމްއޭސީއެލްގެ ޓީމާއި އެއާޕޯޓުގެ އެހެނިހެން ސްޓޭކްހޯލްޑަރުން ގުޅިގެން ވީއައިއޭގައި ކުރި ބޮޑު މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށް އެމްއޭސީއެލުން ކުރަމުން އަންނަ ގިނަ މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބް ޝުޖާއު ވިދާޅުވީ ވީއައިއޭގެ އާ އުމްރާނީ ތަރައްގީއާއެކު އައިއޭޓީއޭ އާއި އައިކާއޯ ފަދަ ބައިނަލްއަގުވާމީ ރެގިއުލޭޓަރީ ބޮޑީތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން ގެންދާ ކަމަށެވެ. އަދި އެމްއޭސީއެލް އިން އާ ޓެކްނޮލޮޖީތަކަށް އިންވެސްޓް ކުރަމުން ދާކަން ފާހަގަކުރައްވައި މަހުޖޫބް ވިދާޅުވީ އެކަމާ ގުޅިގެން މަސައްކަތުގެ މާހައުލުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވިގެން ދާނެ ކަމަށާއި ވީއައިއޭގައި ސާވައިލޭންސް އިތުރުކުރެވޭނެ ކަމަށެވެ.