އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ހާލު ސީިއަސްވެގެން ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 9:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައިވަނީ އިނގިރޭސިތުގެ އުމުރުން 46 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގިނަ ހާދިސާތަކަކާ ދިމާވެފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދިޔަ ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ ވަނީ މަރުވެފައެވެ.