ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން، މެދު ދެކުނުގެ ތިން ރަށެއްގައި ހިންގި ޕްރޮޖެކްޓުތަކެއް ނިންމާލައިފިއެވެ.

"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން، ބީއެމްއެލުން ގެންދަނީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ އެކި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން، ދ. ހުޅުދެއްޔާއި ލ. މުންޑޫ، އަދި އެ އަތޮޅުގެ ފޮނަދޫގައި ހިންގި ޕްރޮޖެކްޓުތައް ކާމިޔާބުކަމާ އެކު ނިންމާލެވުނު ކަމަށް، ބީއެމްއެލުން ބުނެއެވެ. އެ ތިން ރަށުގައި ހިންގި މަޝްރޫއުތަކަކީ:

  • ހުޅުދެލީގައި މަސް ކަނޑަން ހާއްސަ ތަނެއް ގާއިމްކުރުން: ހުޅުދެލި އައިލެންޑް ސޮސައިޓީ އެންޑް ސްޕޯޓްސް އެސޯސިއޭޝަނުން ހިންގި އެ ޕްރޮޖެކްޓުގައި ވަނީ އެ ރަށުގެ މަސްވެރިންގެ އިތުރުން، އާންމުންނަށް ވެސް މަސް ކެނޑުމަށް ފަސޭހަވާނެ ހެން މަސް ކަނޑާ ތަނެއް ގާއިމްކޮށްފައެވެ.
  • މުންޑޫގައި ދަތުރުވެރިން މަޑުކުރާނެ ހާއްސަ ހަޓެއް: މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން ވަނީ ލަކުޑި ބެންޗު ހިމެނޭހެން ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން، އެ ރަށު ބަނދަރު ސަރަހައްދުގައި ހަޓެއް ހަދައިފައެވެ.
  • ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމެއްގައި ޓީވީ ބެހެއްޓުން: ފޮނަދޫގައި ހުންނަ އަތޮޅު މަރުކަޒުގެ ހަތަރު ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުން، އެ ރަށުގެ ވިމެން އެންހޭންސްމެންޓުގެ ފަރާތުން ވަނީ އެ ކްލާސްރޫމްތަކުގައި ޓީވީ ބަހައްޓައިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދެމުންދާތާ ހަ އަހަރު ވަނީ ވެފައެވެ.