މީގެ ކުރިން ބާބަކިއު ސަރަހައްދުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގައި ކެފޭ ރެސްޓޯރަންޓު ގާއިމްކުރުމަށް ހަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މީރުމާ ހޮޓެލްގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީ އާ އެކު ހަ ކުންފުންޏަކުން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެ ހަ ކުންފުންޏަކީ:

  • ބްރަދާސް ކޭޓަރިން
  • ރެފްކޫލް
  • ސެލްސިޔަސް ޕްރައިވެޓް ލިމިޓެޑް
  • މިސްރާބު ޕްރައިވެޓް ލިމިޓެޑް
  • ޑައިނަމޯ
  • ޑްރީމްސް ޕްރައިވެޓް ލިމިޓެޑް

ހުޅުމާލޭގެ ބާބަކިއު ސަރަހައްދުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ ތަން ތަރައްގީކުރެވިގެން ދާއިރު، އެޗްޑީސީން ބުނީ، އެ ސަރަހައްދުގައި ހިދުމަތްތަކެއް ލިބި، އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނަށާއި، ހުޅުމާލެ އަށް ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ވަގުތު ހޭދަކޮށްލުމަށް ބޭނުންކުރެވޭނެ މަގްބޫލު ސަރަހައްދަކަށް އެ ތަން ވާނެ ކަމަށެވެ.

އެ ތަން އެއްކޮށް ތަރައްގީކޮށް ނިމުމުން، އެ ތަނުގައި އާންމުން މުނިފޫހިފިލުވައި ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތައް ހިންގޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން އެ ތަނުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމް ފަދަ ވަސީލަތްތައް ގާއިމްކުރެވިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ކެފޭ ރެސްޓޯރަންޓުތަކާ ގުޅޭ ގޮތުން އެޗްޑީސީން އިތުރަށް ބުނީ:

  • އެ ކެފޭ ރެސްޓޯރަންޓުތަކުގައި ތަފާތު ވައްތަރުގެ ކާބޯތަކެތި ލިބިގެން ދާނެ ކަމަށް
  • ބީޗް ސަަރަހައްދުގައި ރެސްޓޯރަންޓުތައް ނެތުމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް
  • ކެފޭތައް ފަރުމާކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި، އާބަން ބޮލެވާޑުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް

އެޗްޑީސީން ބުނީ، އާބަން ބޮލެވާޑްގެ ސަބަބުން ހުޅުމާލޭގެ މަލަމަތި އެއްކޮށް ބަދަލުވެގެން ދާނެ ކަމަށެވެ.