ހުޅުމާލޭގެ އެއްވެސް ތަނެއްގައި އެޗްޑީސީގެ ހުއްދަނެތި ފޮތި އަދި ކަރުދާސް އިޝްތިހާރު ޖަހައިފިނަމަ ޖޫރިމަނާ ކުރާނެކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީ އިން އެކުލަވާލި 'ހުޅުމާލެ އާންމު ތަންތަނުގައި އިޝްތިހާރު ޖެހުމުގެ ގަވައިދު' ގައި ވަނީ ހުއްދަ ނުނަގާ އެއްވެސް ތަނެއްގައި އިޝްތިހާރު ޖަހާފިނަމަ 2000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައެވެ.
ހުޅުމާލޭގައި އިޝްތިހާރު ޖެހުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް އެޗްޑީސީ އިން އިއްޔެ ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ އެޗްޑީސީގެ ހުއްދަ ނެތި އާންމު އުޅޭ ތަންތަނުގައި ފޮއްޗާއި އަދި ކަރުދާހުން އިޝްތިހާރު ޖެހުމަކީ މަނާ ކަމެއްކަމަށެވެ. އަދި އެ ނޫންތަންތަނުގައި ވެސް މި ބާވަތުގެ އިޝްތިހާރު ޖެހޭނީ އެޗްޑީސީން ހުއްދަ ހޯދައިގެންކަމަށް މި ގަވައިދުގައިވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނީ މިފަދަ ގަވައިދަށް އެކުލަވާލަން ޖެހުނު ސަބަބަކީ މި ބާވަތުގެ ތަކެތިން އިޝްތިހާރު ޖެހުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ނުނަގާ ބަހައްޓާ ކަމަށެވެ. އަދި ބައެއް ފަހަރު ޖަހާ ކަރުދާސް އިޝްތިހާރުތައްވެސް މަގުމައްޗަށް އުކާލާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެޗްޑީސީގެ އަމާޒަކީ މި ބާވަތުގެ ތަކެތިން އިޝްތިހާރު ޖެހުން މުޅިން ހުއްޓާލާ ހުޅުމާލެ އަކީ ސާފުތާހިރުތަނަކަށް ހެދުންކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެެވެ.
އެޗްޑީސީ އިން އިއްޔެ ކުރި އިއުލާނުގައި އިޝްތިހާރުކުރުމަށް ނަގާ އަގުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މި ގޮތުން އެޗްޑީސީން ވިއްކާ ޕެކޭޖްތަކުގެ އަގު ބޮޑުކޮށްފައިވާއިރު މި އިއުލާނާއެކު އާ އަގުތައްވެސް ވަނީ ހިމަނާފައެވެ. ހުޅުމާލޭގައި އިޝްތިހާރު ޖެހުމަށް ބޭނުންވާ ފަރާތްތަކުން އިޝްތިހާރު ޖަހަން އެދޭ ތާރީހާއި އިޝްތިހާރު ޖަހަން އެދޭ ޑިޒައިން ތިން ދުވަސް ކުރިން އެޗްޑީސީ އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރަންޖެހެއެވެ. އަދި އިޝްތިހާރު ޖެހުމަށް ފަހު އެ އިޝަތިހާރެއްގެ ޑިޒައިން ބަދަލުކުރެވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެންނެވެ.
މީގެ އިތުރުން އިޝްތިހާރެއްގެ މުއްދަތު ހަމަވުމުގެ ކުރިން ނަގަން ބޭނުން ނަމަ އެކަން އެޗްޑީސީ އަށް އަންގަންޖެހެއެވެ. އަދި އިޝްތިހާރުގެ މުއްދަތު ހަމަވާތާ ތިން ދުވަސްތެރޭ އިޝްތިހާރު ނުނަގައިފި ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.