މަޝްރޫއުތަކަށް ހުރަސްއެޅޭތީ ހުއްދަނެތި ކ. ގުޅިފަޅާއި ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފިއެވެ.

އެޗްޑީސީން އިން ބުނީ އެޗްޑީސީގެ ބެލުމުގައިވާ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގެ ސަރަހައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން "ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދު ފަހަރާއި ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު" އެކުލަވާލައި އެ އުސޫލު މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

ތިލަފުއްޓާއި ގުޅިފަޅު ފަޅު ތެރޭގައި ހުރި އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެކި މުއްދަތުދީ އެތައް އިއުލާނެއް ކުރި ނަމަވެސް އެގޮތަށް ހުރި އުޅަނދުތައް މިއަދާ ހަމައަށްވެސް ނަގާފައި ނުވާތީ އާއި އެ އުޅަނދުތައް އެ ސަރަހައްދުގައި ހުރުމުން އެޗްޑީސީ އަދި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް ޕްރޮޖްކްޓަކަށް ހުރަސް އެޅި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ އެ ސަރަހައްދުގެ ތިމާވެއްޓަށްވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވަމުންދާތީ ގެޒެޓުކުރެވިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅނދުތަކަކީ ކޮބައިކަން ކަނޑައަޅާ އެ އުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީގެ ފަރާތުން ކުރަމުން ގެންދާނެ ކަމަށެވެ.

އެޗްޑީސީއިން ވަނީ އެއްވެސް ފަރާތެއްގެ އުޅަނދެއް ނުވަތަ މުދަލެއް އެ ދެ ރަށުގެ ފަޅުގެ ސަރަހައްދަށް ދޫކޮށްލާފައިވާ ކަމުގައި ވަނީ ނަމަ އެޗްޑީސީގެ ކޯލް ސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށް އިލްތިމާސްކޮށްފައެވެ.