ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރަން ހުށަހެޅި ފޯމު އަލުން އިސްލާހުކުރަން އެ ކޯޓުން އަންގައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ސިޔާޒު ވިދާޅުވީ ހައިކޯޓުން މިއަދުގެ 12:58 ލިބުނު ޖަވާބުގައި ވަނީ އެއް ރިޕޯޓަކުން ނިންމި 2 ގަޒިއްޔާ ނަމަވެސް އެ ދެ ގަޒިއްޔާގެ އިސްތިއުނާފް ފޯމު ވަކިން ތައްޔާރުކޮށް އިސްލާހު ހުށަހަޅަން އަންގާފައި ކަމަށެވެ.
ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ލަސްވެ އިދިކޮޅު ލީޑާޝިޕުން މީގެ ކުރިން ވަނީ ހައިކޯޓަށްވެސް ގޮސްފައެވެ. އަދި އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ބަލައިގަތުން ލަސްވާތީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތް ކުރިޔަސް، އެ ފުރުސަތު ނުލިބުނު ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ބަލައި ގަތުމާއި މެދު ކޯޓުން ގޮތެއް ނިންމަންދެން ކޮންމެ ދުވަހަކު ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފުވެފެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.