ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީއާއި، ޖެންޑާ މިނިސްޓްރީ އަދި ވިމެން އިން ޓެކް އެމްވީއާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
އެޗްޑީސީން ބުނީ، މިއަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއާލިޓީ" ގުޅުވައިގެން މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފަރުކޮޅުފުށީގައި ވިމެން ޔުނައިޓް- ޑިޖިޓަލްގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ނެޓްވޯކިންގެ ގިނަ ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަނެއް ވެސް މި ހަރަކާތުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ، މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި އެ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މަގުފަހިވެގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ.
ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްއުޅުމަކީ އެޗްޑީސީން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.
ޓެކްނޮލޮޖީ ދާއިރާއާ އަދި މި ނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތައް ކުރިޔަށް ގެންދެވުމަކީ އެ ކޯޕަރޭޝަނުގެ އަމާޒުކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން އަހުލުވެރިކުރުވައި ކުރިއެރުމުގެ ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.