ނޮއިސްގެ ނަމުގައި އޮލިމްޕަހުގައި މިއުޒިކް ޝޯ އެއް ބާއްވަން ނިންމައިފިއެވެ.

ތިން އަހަރެއްހާ ދުވަސްވަންދެން އޮލިމްޕަސް ބަންދުކުރުމަށް ފަހު މި އަހަރު ފެބްރުއަރީ މަހު އޮލިމްޕަސް ހުޅުވުމާއެކު ވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބީވީމާ" އަޅުވާފައެވެ. އެ ފިލްމު ހައުސްފުލް ޝޯތަކަކާއެކު ނިންމާލުމާއެކު މިހާރު އަންނަނީ އެތަނުގައި މިއުޒިކް ޝޯ އެއް ބާއްވަން ތައްޔާރު ވަމުންނެވެ. "ކާފު" އިން އިންތިޒާމުކުރާ އެ ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުގެ ރެއެވެ. ފުރަތަމަ ޝޯ ލައިވް މިއުޒިކަށް ހާއްސަކޮށް ބާއްވާއިރު ދެވަނަ ރޭ ހާއްސަކޮށްފައި ވަނީ ދިވެހިންގެ ލޭކައްކުވާލާ ބޮޑުބެރަށެވެ.

ކޮރެލިއަމް، ރެވިއޯ، އެޗޭސިއާ، ފަޔާ، ހަބޭސް، ހިޔަލަ، ތުއްތު ޕާކް، ފަތްމިނި އަދި އެކަތި ބޮޑުބެރު ގްރޫޕް މި ޝޯގައި ހުށައެޅުންތައް ހުށައަޅާނެއެވެ. މިއުޒިކް ޝޯގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކާއިރު ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. މީގެ ކުރިންވެސް ފޯރިގަދަ މިއުޒިކް ޝޯތައް އޮލިމްޕަހުގައި ބާއްވާފައި ވާއިރު އޮލިމްޕަހުގައި އެންމެ ފޯރިގަދަކޮަށް ބާއްވާ ޝޯ ތަކަކީ "އޮލިމްޕިއަންސް" ގެ ޝޯތަކެވެ.

މަރާމާތުކުރުމަށް ފަހު އޮލިމްޕަސް އަލުން ހުޅުވިއިރު ވަނީ ބޭރުގެ ފިލްމުތައް ވެސް އަޅުވަން ނިންމާފައެވެ. ދިވެހި ފިލްމުތަކުގެ އިތުރުން ހޮލީވުޑް އަދި ބޮލީވުޑްގެ ފިލްމުތައް އޮލިމްޕަހުގައި އަޅުވަން ނިންމާ، މިއަހަރު އެތަނުގައި އެޅުވި ބޭރު ފިލްމަކީ ކާތިކް އާރްޔަން އާއި ކްރިތީ ސެނަން ހަރަކާތްތެރިވި ފިލްމު "ޝެހެޒާދާ" އެވެ. 1970-1990 އަހަރުތަކުގެ ތެރޭގައި ވެސް ބޭރުގެ ފިލްމުތައް އޮލިމްޕަހުގައި އެޅުވިއެވެ.