ހިޔާ ފްލެޓުތަކުގެ ބޭރުގައި ބަހައްޓާފައިވާ ތަކެތި ނުނަގައިފިނަމަ އެޗްޑީސީއިން ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްތައް ހިމެނޭ އެއްމެދު އިމާރާތްތަކާއި އާންމު ތަންތަނާއި ވަސީލަތްތައް ބޭނުން ކުރުމާއި ބެހޭ ގަވާއިދާއި އިމާރާތް ކުރުމާއި ބެހޭ އިދާރީ ގަވާއިދާއި ހިލާފަށް ބައެއް ފަރާތްތަކުން އިމާރާތުގެ ބޭރަށްވާ ގޮތަށް ގަސްމުއްޓާއި ފަރުނީޗަރު އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި ބަހައްޓާ ކަމަށެވެ.
އިމާރާތުގެ ވައިގޮޅިއަށް ހަރުކުރެވިފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ފެން ހޮޅިތަކުން ތިރިއަށް ފެން ލީކުވާ ގޮތަށް ދޫކޮއްލާފައިވާ ކަމަށާއި މިކަންކަން ތަކުރާރުކޮށް އިސްލާހުކުރުމަށް ބުނެފައިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ ހިޔާ ސަރަހައްދަކީ ވައިގަދަ ސަރަހައްދަކަށްވުމުން މިއީ އެ ސަރަހައްދުގައި އުޅޭ ފަރާތްތަކާއި އަދި ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ނުރައްކާވެދާނެ ކަމަކަށްވާތީ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައިވާ ކަމަށެވެ.
އެޗްޑީސީއިން އިތުރަށް ބުނީ އެ ކަންކަން މިމަހުގެ 15 ގެ ކުރީން އިސްލާހު ނުކުރާނަމަ ފްލެޓްތައް ދޫކުރުމަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމެށެވެ.