މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުތުމާއި އެ ޕާޓީގެ ފަރާތުން ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ދޭން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓުކަމުގެ އިތުރުން ކޯލިޝަން ހެދުމުގެ ބާރު ގާސިމްއަށް ދިނުމަށް އެދި ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ވަނީ ގަރާރެއް ހުށަހަޅާފައެވެ. އަދި ކައުންސިލް ބައްދަލުވުމަގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މި ގަރާރުވަނީ ފާސްވެފައެވެ.
ނާޒިލް ހުށަހެޅި ގަރާރުގައި ވަނީ ރިޔާސީ ކެންޑިޑޭޓާއި، ކޯލިޝަނެއް ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި، އިހްްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރި ކުރެވޭނެ ގޮތް ކަމަށެވެ. އެހެންކަމުން އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދިނުމަށް ހުށަހަޅާ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެނޑިޑޭޓަކު ނުކުތުމާމެދު ނުވަތަ އެހެން ރިޔާސީ ކެނޑިޑޭޓަކާއެކު ކޯލިޝަން ހެދުމާމެދު ގޮތް ނިންމާފައެެއް ނުވެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ.