މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން، އެ ބޯޓުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ސިފައިން ބުނެފިއެވެ.

މާލެ އަށް ދަތުރުކުރަމުން ދިޔަ "އާގަލާ" ނަމަކަށް ކިޔާ ބޯޓެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައި ވަނީ ރޭ ދަންވަރު 2:47 ހާއިރެވެ. ސިފައިން އޭރު ބުނި ގޮތުގައި، އެ ބޯޓުން ދަތުރުކުރި 15 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ތިބި މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

އާގަލާ ބޯޓުން ދަތުރުކުރި 15 މީހުންގެ ތެރޭގައި ހިމެނެނީ:

  • ފަސް ދިވެހިން
  • ފަސް އިންޑިއާ މީހުން
  • ފަސް ބަންގްލަދޭޝް މީހުން

އޭގެ ތެރެއިން ގެއްލިފައި ވަނީ އިންޑިއާ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށް، ހާދިސާ އާ ގުޅިގެން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައި ސިފައިން ބުންޏެވެ. ސިފައިން ބުނީ، ބާކީ ތިބި އެންމެން ފުލުހުންގެ އެހީތެރިކަމާ އެކު މ. މުލި ހޮސްޕިޓަލަށް ގެންގޮސް އެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ.

އަލިފާން ރޯވެ ލިބުނު ގެއްލުމުގެ ސަބަބުން މިއަދު ހެނދުނު 8:20 ހާއިރު ބޯޓު އެއްކޮށް އަޑިއަށް ގޮސްފައި ވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.