އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 7-0 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

މިއީ ޕްރިމިއާ ލީގުގައި އެންމެ ބޮޑު ނަތީޖާއަކުން ލިވަޕޫލުން ޔުނައިޓެޑް ބަލިކުރި ފުރަތަމަ ފަހަރެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ލަނޑު ޖަހާ ލީޑު ނަގާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. އެހެން ނަމަވެސް ހާފް ނިމެން ދަނިކޮށް ލަނޑެއް ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިދިޔަ ޖެނުއަރީ މަހު ޓީމާ ގުޅުނު ކޯޑީ ގެކްޕޯއެވެ.

ދެވަނަ ހާފްގައި ފެނިގެން ދިޔައީ މުޅިން ތަފާތު ގޭމެކެވެ. މިގޮތުން، ލިވަޕޫލުން ޔުނައިޓަޑްގެ ގޯލަށް އަމާޒުކުރި ހުރިހާ ހަމަލާއެއް ހެން ލަނޑަކަށް ބަދަލުވެފައިވާ އިރު ދެވަނަ ހާފްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑާވިން ނިއުނިއޭޒްއެވެ. އެއަށް ފަހު ގެކްޕޯ އަނެއްކާ ލަނޑެއް ޖެހި އިރު ލިވަޕޫލްގެ ފޯވަޑް ސަލާހް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

މިއީ ލިވަޕޫލްގެ އަތުން ޔުނައިޓެޑް އެންމެ ބޮޑު ފަރަގަކުން ބަލިވި ފުރަތަމަ ފަހަރު/ފޮޓޯ: ލިވަޕޫލް

މެޗުގައި ލިވަޕޫލުން ޖެހި ފަސް ވަނަ ލަނޑު ކާމިޔާބުކުރީ ކެޕްޓަން ހެންޑާސަންގެ ކްރޮސްއަކުން ނިއުނިއޭޒްއެވެ. ދެން ފެނިގެން ދިޔައީ ތާރީހީ ލަނޑެކެވެ. މެޗުގެ 83 ވަނަ މިނެޓްގައި ސަލާހް ޔުނައިޓެޑް ކޮޅަށް ވައްދާލި ގޯލާއެކު މިސްރުގެ ކުޅުންތެރިޔާ މިވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. އޭނާ މިވަނީ 6 ސީޒަންގައި ލިވަޕޫލަށް 129 ގޯލު ޖަހާދީފައެވެ.

ސަލާހްގެ ލަނޑަށް ފަހު ލިވަޕޫލުން އިތުރު ލަނޑެއް ޖެހި އިރު މި ގޯލު ކާމިޔާބުކުރީ މިސީޒަން ނިންމާ ލިވަޕޫލާ ވަކިވާނެކަން ހާމަކޮށްފައިވާ ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފަމީނޯއެވެ.

ޔުނައިޓެޑްގެ މައްޗަށް ހޯދި މޮޅާއެކު ލިބުނު ތިން ޕޮއިންޓުން ލިވަޕޫލް މިވަނީ ތާވަލުގެ 5 ވަނައަށް ޖެހިލާފައެވެ. އަދި ތާވަލުގެ 4 ވަނައިގައި އޮތް ޓޮޓެންހަމްއާ އެޓީމާ ދެމެދު 3 ޕޮއިންޓްގެ ފަރަގެއް އޮތް އިރު ޓޮޓެންހަމް މިވަނީ އިތުރަށް މެޗެއް ކުޅެފައެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ކަރަބާއޯ ކަޕް އުފުލާލި ޔުނައިޓެޑް ރޭގެ މެޗުން ބަލިވި ނަމަވެސް އަދި އޮތީ 49 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.