މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވާދަކުރުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

މާދަމާ އެ ޕާޓީގެ 150 ވަނަ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މެންދުރުފަހު 2 ޖަހާއިރެވެ. އެ ބައްދަލުވުމުގެ އެޖެންޑާއަށް ބަލާއިރު އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގެ މެންބަރުސިޕް ކޮމިޓީއާއި ސްލޫކީ ކޮމިޓީ އަދި އިސްތިއުނާފް ކޮމިޓީގެ އިންތިހާބަށް ހުޅުވާލުމާ މެދު ގޮތެއް ނިންމުން ހިމެނެއެވެ.

މީގެ އިތުރުން އަސާސީ ގަވާއިދުގެ 63 ވަނަ މާއްދާގެ (ރ) ގައި ބުނާ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމަށް ގޮތެއް ނިންމުމަށްވެސް ޖޭޕީގެ މާދަމާގެ ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ގޮތް ނިންމާން ބުނެ އެޖެންޑާގައި އައިޓަމެއް ހިމަނާފައެއް ނުވެއެވެ.

އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ސަރުކާރު ކޯލިޝަނާ ވަކިން ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގައި ވާދަކުރަން ކައުންސިލަށް ލަފާ ދިނުމަށް، އެ ޕާޓީގެ ގައުމީ ކޮންފަރެންސްއަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނިކޮށެވެ. އެ ގަރާރު ފާސްކުރި ނަމަވެސް، ގާނޫނީ ހައިސިއްޔަތެއް ނެތް އެ ގަރާރަށް އަމަލުކުރާނެ ގޮތެއް ފަހުގެ ތާރީހެއްގައި ނިންމާނީ ކޮންފަރެންސުން އިންތިހާބުކުރާ އާ ކައުންސިލުން ކަމަށް ވެސް ވަނީ ނިންމާފައެވެ.

މި އަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ވާދަކުރުމަށް ކައުންސިލަށް ލަފާ ދޭން ނިންމާފައި ވާއިރު، ގާސިމް މި އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން ނިންމަވައިފިނަމަ، ގާސިމްގެ ފަހަތްޕުޅަށް ނަޝީދު އަރާވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.