މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާގެ ބޯޑަރަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ސީރިއާގެ މީހުންނަށް އެހީ ލިބުން ލަސްވާތީ ގަތަރު އަމީރު ތަމީމް ނުރުހުންފާޅު ކުރައްވައިފިއެވެ.

ތަމީން މިހެން ވިދާޅުވީ، މިހާރު ގަރަތުގައި ކުރިއަށް ދާ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އދ އިން އިންތިޒާމް ކުރާ މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވެއެވެ.

ގަތަރަކީ، ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ގައުމެކެވެ. އަދި އަސަދުގެ ސަރުކާރާ ވަކިވެވަގުތުމަށް ހަމަގުރާމަ ކުރާ ފަރާތްތަކަށް 2011 އިން ފެށިގެން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްވެސް މެއެވެ. އަދި މީގެ ކުރިން ގަތަރުން ވަނީ، ސީރިއާގެ ދިމިސްގާ (އަސަދާ) ގުޅުން ބާއްވާ ގައުމުތަކަށް ފާޑުވެސް ކިޔާފައެވެ.

މި ބައްދަލުވުމުގައި ތަމީމް ވިދާޅުވީ، މިހާރުވެސް ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ސީރިއާގައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީ ލިބުން ލަސްވެފައި ވާ ކަމަށާއި ސިޔާސީ ސަބަބުތަކާ ހެދި އިންސާނީ އެހީ ފޯރުކޮށްދިނުން ލަސްވެގެން ނުވާނެ ކަމަށެވެ.

ބިންހެލުން އައި ސަރަހައްދުގެ ތެރެއިން ބޮޑުބައިގައި ތިބީ ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހަނގުރާވެރިންނެވެ. ދުނިޔޭގެ އެކި ގައުމުތަކުން ސީރިއާއަށް އެހީގެ ތަކެތި ފޮނުވުމުން، ހަނގުރާމަވެރިންގެ ސަރަހައްދުތަކަށް އެހީ ފޯރުކޮށް ދިނުމުގައި ސީރިއާ ސަރުކާރުން ދަނީ ލަސް ކުރަމުންނެވެ. ހަމަ އެއާއެކު، އިން ހުރަސްކޮށް ސީރިއާ ސަރުކާރު ފަޅިން އުޅަނދުފަހަރު ވަނުމަށް ހަނަގުރާމަވެރިންވެސް ދަނީ ހުރަސް އަޅަމުންނެވެ. މިފަދަ ކިތަންމެ ސަބަބަކާ ހުރެ، ހާލުަގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި އެކި ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އިންސާނީ އެހީފޯރުކޮށްދޭ އދ ގެ އިދާރާ ތަކާއި އިންޓަނޭޝަނަލް އެއިޑް އެޖެންސީތަކުން ތުރުކީ ބޯޑަރު ހުރަސްކޮށް ހަނގުރާމަވެރި ސަރަހައްދުތަކަށް އެހީގެ ގާފިލާތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް އެއީވެސް ރައްކާތެރިކަން ކުޑަ މަގުތަކެއް ކަމަށް ވުމުން، އެހީ ފޯރަން ޖެހޭ ފަރާތްތަކަށް އެހީ ލިބުން ވަނީ ލަސްވެފައެވެ.

އދ އިން އަންދާޒާ ކުރާ ގޮތުގައި، ސީރިއާގައި އެކަނި ހާލުގައި ޖެހިފައި ތިބި 8.8 މިލިއަން މީހުން އެބަތިއްބެއެވެ. މި ބިންހެލުމުގައި ސީރިއާއިން 6000 މީހުން މަރުވި އިރު ތުރުކީން މަރުވި މީހުންނާއެކު ޖުމްލަ ވަނީ 50،000 ފަހަނައަޅާފައެވެ. ތުރުކީން 170،000 ގެ ވެއްޓުނު ބިންހެލުމުގައި ހާލުގައި ޖެހި ވަގުތީ ހިޔާތަކުގައި 1.9 މިލިއަން މީހުން އެބަތިއްބެއެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އދ އިން 1 ބިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރަމުން ދާ އިރު އެކި ގައުމުތަކުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ސީރިއާ އަދި ތުރުކީއަށް ކާބޯތަކެއްތާއި ފައިސާގެ އެހީ ފޯރުކޮށްދީފައި ވާ އިރު ދިވެހި ސަރުކާރުން ހަދިޔާ ކުރަނީ ފެލިވަރު މަހުގެ 1 މިލިއަން މަސްދަޅެވެ.