މާލެ ޓީ ޖެޓީ ސަރަހައްދުގައި ބިދޭސީންގެ މެދުގައި އިއްޔެ ހިނގި މަރާމާރީއާ ގުޅިގެން ޖުމްލަ 11 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އިއްޔެ 16:50 އެހާއިރު ހިނގި މި މާރާމާރީގައި 5 މީހަކަށް އެކި ވަރުގެ އަނިޔާ ލިބި އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗްގެ ފަރާތުން މައުލޫމާތު ދިނެވެ. އެ ގްރޫޕް މާރާމާރީ ހިނގަން ދިމާވި ސަބަބެއް އަދި އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ. އަދި ބަލަން ޖެހޭ އެންމެހާ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން ޓީ ޖެޓީ ބަނދަރުގައި އަޅާފައިވާ އޮތް ދޯންޏެއްގެ މަތީގައި އެ ހާދިސާ ހިނގާފައި ވާއިރު އެކަކު އަނެކަކަށް ލަކުޑިބުރިން ހަމަލާދޭ މަންޒަރު ފެނެއެވެ. އަދި އެވަގުތު ކައިރީގައި ޖެހިގެން އޮތް ދޯނީގައި ތިބި ބިދޭސީންވެސް ދިޔައީ، އެމީހުންނަށް އެވަގުތު އަތުޖެހުނު ފިހިގަނޑު ފަދަ ތަކެތިން ހަމަލާދެމުންނެވެ. އަދި އެކަކު ފަކީރާ އެއް ހިފައިގެން ހަމަލާ ދިނުމަށް މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ކުށުގެ ވެށީގައި ބިދޭސީންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުން ދާއިރު ރާއްޖޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އަދި މިފަދަ ކުށްތައް ކުރާ މީހުންނަށް އެދެވޭ އަދަބެއް ދިނުމަށް މުއައްސަސާތަށް ވަނީ ނުކުޅެދިފައެވެ.