އިޒްރޭލުން ގާޒާގެ މުސްލިމުން މަރާ ހުސްކުރަމުން ގެންދާތާ 250 ދުވަސް ވެގެން ގޮސްފައި ވާ އިރު ހުށަހެޅުއްވާފައި އޮތް ޕްލޭން ކައިރި މުސްތަގުބަލެއްގައި ކާމިޔާބު ނުވާނެ ކަމަށް ބައިޑަން ވިދާޅުވެއްޖެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މުޅި ގާޒާގެ ދެގައިކުޅަ އެއްބައި ގެދޮރު އެކީއެކަށް ބިމާ ހަމަކޮށް 37,232 މީހަކު މިހާތަނަށް ޝަހީދު ކޮށްލާފައި ވާ އިރު އެމެރިކާއިން ގެންދަނީ އިޒްރޭލާއި ހަމާށް ސުލްހަ ކުރުމުގެ ނަމުގައި ކަރުދާހެއް ހުށަހަޅާ އޭގެ ވާހަކަ ދައްކަމުން އިޒްރޭލަށް ހަތިޔާރު ދީގެން ގާޒާއަށް ހަމަލާ ދެމުންނެވެ.
ގާޒާގެ ސުލްހައިގެ ޕްލޭންގެ ގޮތުގައި ބައިޑަން ހުށަހެޅުއްވި 3 މަރުހަލާގެ ޕްލޭންގެ ފުރަތަމަ މަރުހަލާ 6 ހަފްތާއަށް ކުރިއަށް ގެންދަން ހުށަހަޅާފައި ވާ އިރު އޭގެ ދަށުން ހަމަލާތައް ހުއްޓާލައި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރޭގައި އަންހެންހުންނާއި ކުޑަކުދިން ތިބި ނަމަ އެމީހުން މިނިވަން ކުރުން ހިމެނެއެވެ. އަދި އާބާދީ ބޮޑެތި ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުންވެސް މި މަރުހަލާގައި ހިމަނާފައި ވާ އިރު ދެވަނަ މަރުހަލާގައި އޮތީ މުޅި ގާޒާ ދޫކޮށް އިޒްރޭލު ސިފައިން ފޭބުމާއި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން އަސްކަރީ ހިދުމަތަށް ނިސްބަތްވާ މީހުންނާއި ފިރިހެނުން މިނިވަން ކުރުމެވެ.
މި ޕްލޭނާ ގުޅޭގޮތުން ނޫސްވެރިން ބައިޑަން އަށް އަމާޒު ކުރި ސުވާލުގައި އޭނާ ވިދާޅުވީ, ކައިރި މުސްތަގުމަލެއްގައި ސުލްހަ ގާއިމު ކުރެވިދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި ނަމަވެސް އުއްމީދު ކަނޑުއްވާ ނުލައްވާ ކަމަށެވެ.
އިޒްރޭލުން މިއަދުވެސް އަސްކަރީ މަނަރުތަކުންނާއި, ބޮން އަޅާ ބޯޓުތަކުންނާއި ޑްރޯން އަދި ހެލިކޮޕްޓަރު ބޭނުން ކޮށްގެން ރަފާއަށް ވަނީ ހަމަލާ ދީފައެވެ. ރަފާ އަކީ, އިޒްރޭލުން ގާޒާގެ އުތުރު ތަޅާ ސުންނާފަތި ކުރުމުން 1.5 މިލިއަން މީހުން ހިޔާވަހިކަން ހޯދައިގެން ތިއްބާ އެތަނަށް އިޒްރޭލު ސިފައިން އަރައިގަތުމުން އާންމުންގެ ތެރެއިން މިލިއަނެއްހާ މީހުން މިހާރު ފައިބައިގެން ގޮސްފައިވާ ތަނެކެވެ. އެތާ ތިބި މީހުން ފައިބައިގެން ދިޔައީ މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިއަށް ވާގޮތަށް ރަފާ އާ ޖެހިގެން އޮންނަ އަލް މަވާސީ ކިޔާ ސަރަހައްދަށެވެ.
އިޒްރޭލު ސިފައިންގެ ހަމަލާތައް ވަރުގަދަ ކޮށް ރަފާގެ އެތަން މިތަނަށް ހަމަލާ ދެމުން ގެންދާ އިރު, އެއްގަމު މަގުން މުޖާހިދުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިމަތިލުން ހިނގަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން މަގުމަތީގެ ގެރިއްލާ ހަނގުރާމަ ސްޓައިލަށް މިޖާހިދުން ދުޝްމަނުންނަށް ހަމަލާ ދީ ދުޝްމަނުންގެ ވެހިކަލްތަކާއި އަދި ބައެއް ސިފައިން މަރާލާފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ. މި ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު އަދި ސާފެއް ނުވެއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭން ކާމިޔާބު ކުރުމުގެ ނަމުގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މެދުއިރުމައްޗަށް ދަތުރެއް ކުރައްވާފައި ވާ އިރު އޭނާ ވަނީ އިޒްރޭލާއި, ގަތަރު އަދި މިސްރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާއެވެ. އެ މަޝްވަރާއަށް ފަހު އަލްޖަޒީރާ އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ, ސުލްހައިގެ ޕްލޭނަށް ނަތަންޔާހޫ އެއްބަސްވާ ކަމަށާއި އެއްބަސް ނުވާން އުޅެނީ ހަމާސް އިން ކަމަށެވެ. އެގޮތުން ހަމާސް އިން އެ ޕްލޭނަށް އިތުރު ހުށަހެޅުންތަކެއް ހުށަހަޅާފައި ވާ ކަމަށާއި އެ ކަންކަމަކީ މީގެ ކުރިން ހަމާސް އިން އެއްބަސްވި ކަންތައްތަކެއް ނަމަވެސް މިހާރު އެއްބަސް ނުވާ ކަމަށެވެ. އޭނާ އިޝާރާތް ކުރައްވައި އެއްބަސް ނުވި ކަންކަމުގެ ތަފްސީލެއް ނުދެއްވައެވެ. ވިދާޅުވީ, ހަމާސްގެ ފަރާތުން ގޮތް ނިންމުމުގެ ބާރު އޮންނަނީ އެންމެ އިސް ލީޑާޝިޕް [ސިންވާރު] އަށް ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި އޭނާ ބަސް ވިދާޅުވާ ގޮތަކަށް ނޫނީ ކަންކަން ނުހިނގާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ހަމާސްގެ ގާޒާގެ ލީޑަރު ޔަހުޔާ ސިންވާރަކީ އެމެރިކާ އާއި އިޒްރޭލުން ހޯދައި އަތުލައިގަންނަން ބޭނުންވާ އެންމެ އިސް ލީޑަރެވެ. ހަނގުރާމަ ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް އޭނާ އުޅުއްވަނީ ފިލައިގެންނެވެ. ބައިޑަން ވިދާޅުވީ, ގަބޫލު ކުރެއްވެނީ ގަޒާގެ އަޑީގައި ހަދާފައިވާ ބިންގަރާސްތަކުގެ ތެރޭގައި ސިންވާރު ފިލައިގެން އުޅުއްވާ ކަމަށާއި ނަމަވެސް ކަނޑައެޅިގެން ވީތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ, ބިމުއަޑީގައި 10-12 ބުރިއަށް ހަދާފައިވާ ބިންގަރާހުގައި ސިންވާރު ހަމަޖެހިލައިގެން އުޅުއްވާ އިރު ކޮންމެ ދުވަހަކާއި ވަގުތެއް އަނިޔާ އާއި ވޭނުގައި ހޭދަކުރަމުން ދަނީ ބިން މަތީގައި ތިބި ހަމާސްގެ އެހެނިހެން މެންބަރުންނާއި ގާޒާގެ ރައްޔިތުން ކަމަށެވެ.
އެ މޭރުމުން ބައިޑަން ވާހަކަ ދައްކަވާފައި ވާ އިރު ލީކްވި ސިންވާރު މެސެޖްތަކެއް ކަމަށް ބުނެ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ހާމަ ކުރި ރިޕޯޓެއް ބުނާގޮތުން, ގާޒާގެ ރައްޔިތުން ޝަހީދުވާ އަދަދު އިތުރުވި ވަރަކަށް ފައިދާ ބޮޑީ މުޖާހިދުން [ހަމާސް] އަށެވެ. އޭނާގެ މެސެޖްތައް ކަމަށް ބުނެ ހާމަ ކުރި މެސެޖްތަކުގެ ސައްހަކަން އެ ޖަމާއަތުން ކަށަވަރު ކޮށްދީފައި ނުވާ އިރު, އޭނާ އާ ހަވާލާދީ ބުނެފައި ވަނީ, އެގޮތަށް ޝަހީދުވާ މީހުންގެ އަދަދު މަތިވާ ވަރަކަށް ބޭރާއި އެތެރޭގެ ޕްރެޝަރު އިޒްރޭލަށް ބޮޑުވެ ހަމަލާތައް ހުއްޓާލަން މަޖުބޫރު ވެގެން ދާނެ ކަމަށެވެ.